ވޮޝިންގޓަން: ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ޢަސްކަރީ ބާރުތަކުގެ 20 އަމާޒަކަށް ކުރޫޒް މިސައިލުން ރޭ ދަންވަރުގެ ވަގުތެއްގައި އެމެރިކާ ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަންއިން ބުނިގޮތުގައި މިޙަމަލާތައް ދިނީ ޓްރިޕޮލީއާއި ޓްރިޕޮލީގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ މިސްރާތާގައިވާ ގައްޒާފީގެ ބާރުތަކުގެ ވައިގެ ދިފާޢާބެހޭ އަމާޒުތަކަށެވެ.

ރޭގެ ދަންވަރު އެމެރިކާ ދިން މިޙަމަލާތަކުގައި ކުރޫޒް ޓޮމަހޮކް މަރުކާގެ 112 މިސައިލް ލީބިޔާއަށް ފޮނުވާލެވުނު ކަމަށާއި މިމިސައިލްތައް ފޮނުވާލީ ލީބިޔާގެ އައްސޭރިއާ ގާތުގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކުންނާއި ސަބްމެރިންތަކުން ކަމަށް ޕެންޓަގަންއިން ބުނެއެވެ.

ލީބިޔާއިން ލިބުނު ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ޙަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ޓްރިޕޮލީގެ އިރުމަތީގައިވާ ލީބިޔާ ސިފައިންގެ އިމްޢިތީޤާ ވައިގެ ބޭސް ހިމެނެއެވެ. އެމެރިކާގެ ރައީސް ބަރަކް އޮބަމާ ރޭ ވިދާޅުވީ ގައްޒާފީގެ ބާރުތަކަށް އެމެރިކާ ދިނީ ވަރަށް ކުޑަމިންވަރެއްގެ ޙަމަލާތަކެއް ކަމަށާއި މިޙަމަލާތަކުގެ ބޭނުމަކީ ގައްޒާފީގެ ބާރުތަކުގެ ކިބައިން ލީބިޔާގެ ރައްޔިތުން ސަލާމަތްކުރުން ކަމުގައެވެ.

ފަރަންސޭސިވިލާތުންވެސް ރޭގެ އިރާކޮޅުގެ ވަގުތެއްގައިވަނީ ގައްޒާފީގެ ބާރުތަކުގެ އަމާޒުތަކަކަށް ޢަސްކަރީ ފައިޓަރ ޖެޓުން ހަމަލާތަކެއް ދީފައެވެ.

ފަރަންސޭސި ދިފާޢީ ވުޒާރާއިން ބުނީ މިއީ ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ން ފާސްކުރި ޤަރާރު ތަންފީޒު ކުރުމަށްޓަކައި ގައްޒާފީގެ ބާރުތަކަށް ދިން ވައިގެ ޙަމަލާތަކެއް ކަމުގައެވެ.

ބެންޣާޒީގެ ކައިރިން ހަރަކާތްތެރިވަމުންދިޔަ ގައްޒާފީގެ ބާރުތަކަކަށް އަމާޒުކުރެވުނު މިޙަމަލާތަކުގައި ގައްޒާފީގެ ބާރުތަކުގެ 4 ޓޭންކާއި ޢަސްކަރީ ވެހިކަލްތަކެއް ހަލާކުކޮށްލެވުނު ކަމަށް ފަރަންސޭސި ދިފާޢީ ވުޒާރާއިން ބުނެއެވެ.
ފަރަންސޭސީންގެ މިހަމަލާއަކީ އދ. ގެ މި ޤަރާރު ތަންފީޒުކުރުމަށްޓަކައި ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ދިން ފުރަތަމަ ހަމަލާ ކަމަށް ޚަބަރުތައް ބުނެއެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ވައިގެމަގުންނާއި ކަނޑުގެ މަގުން ނޫންގޮތަކަށް ގައްޒާފީގެ ބާރުތަކަށް ޙަމަލާ ނުދިނުމަށާއި އެއްވެސް ޙާލެއްގައި އެއްގަމު މަގުން ލީބިޔާއަށް ނޭރުމަށް ހުޅަނގުގެ ބާރުތަކަށް އިންޒާރުކޮށްފައެވެ.
މުރާސިލުން ބުނާގޮތުގައި ހުޅަނގުގެ ބާރުތަކުން ގައްޒާފީގެ ބާރުތަކަށް ހަމަލާތައް ދޭ އަމާޒުތައް ފާހަގަކުރުމުގައި އެހީތެރިވަނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކެވެ.

ހުޅަނގުން ރޭ ލީބިޔާއަށް ދިން ޙަމަލާތައް ގައްޒާފީގެ ސަރުކާރުންވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ރަސްމީ ޓީވީން ހުޅަނގުގެ މިޙަމަލާތައް ސިފަކޮށްފައިވަނީ ޢުދުވާނީ ޙަމަލާތަކެއްގެ ގޮތުގައެވެ. އަދި ޓްރިޕޮލީއަށް އެމެރިކާ ދިން ކުރޫޒް މިސައިލްގެ ހަމަލާތައް އަރާފައިވަނީ ތެލުގެ ކާރުޚާނާއަކަށް ކަމަށްވެސް ލީބިޔާގެ ޓީވީ ޚަބަރު ދެއެވެ.
ލީބިޔާއަށް ހަމަލާތައް ދެމުން ގެންދަނީ ފަސްގައުމެއް ގުޅިގެން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވިއެވެ.
(އަލްޖަޒީރާ+ނޫސްއެޖެންސީތައް)