14 Sep 2015, 14:44
އިޤްތިޞާދީ ތަރައްޤީގެ ސަބަބުން ޤައުމަށް ދިމާވެފައިވާ އިޖްތިމާޢީ ވަރަށް ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް އެކަންކަން މި ސަރުކާރުން ހައްލު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޔާން ލުކްސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޔާމީނަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތަށްފަހު ދެބޭފުޅުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ބޮޑު އަހައްމިޔަތު ކަމެއް ދެއްވާ ކަމަށެވެ. އަދި ރައީސް ޔާމީނު ވަނީ ޒުވާނުންނަށްޓަކައި ހުޅުމާލޭގައި ތަރައްޤީކުރެވޭ ޔޫތު ސިޓީއާ ބެހޭ މަޢުލޫމާތު ބެލްޖިއަމްގެ ސަފީރާ ހިއްސާ ކުރައްވާފަ އެވެ. ހަމައެއާއެކު އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޔާމީނު ވިދާޅުވީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރާއްޖެއިން ބޮޑު އަހައްމިޔަތު ކަމެއް ދެއްވާ ކަމަށެވެ.
އެ ގޮތުން، ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް އިރުގެ ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، މުޅި ރަށަށް އިރުގެ ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ގޮތަށް ރާއްޖޭގައި ރިޒޯޓެއް ހިންގަމުންދާކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޔާން ލުކްސް، ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަފީރުގެ މަޤާމުގައި މަސައްކަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.