ސަރުކާރު ބަންދު ކަމަށް ކުރިން ނިންމި ތިން ދުވަސް ރަސްމީ ދުވަސް ކަމަށް ސަރުކާރުން ނިންމައިފި އެވެ.

ކުރިން އީދު ބަންދު އޮތީ 20 ވަނަ ދުވަހުން ފެށިގެން 26 އަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ސަން އަށް ވިދާޅުވީ ހައްޖު ދުވަހަށް އައި ބަދަލާ އެކު މި މަހު 20 ވަނަ ދުވަހާއި 21 ވަނަ ދުވަހާއި 22 ވަނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިމަހު 23 ވާ ބުދަ ދުވަހުން ފެށިގެން 27 ވާ އާދިއްތަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ.

ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ، ރައީސް އޮފީހުން ބުނި ގޮތުގައި، 28 ވާ ހޯމަ ދުވަހު އެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުންދާ ކަލަންޑަރާ ޚިލާފަށް ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށާއި އަދި އަޟުހާ އީދަކީ ސެޕްޓެމްބަރު 24 ކަމަށް ސައުދީ އަރަބިޔާ އިން ވަނީ ނިންމައިފަ އެވެ.

އެގޮތަށް ނިންމީ ރޭ ހައްޖުމަހުގެ ހަނދު ނުފެނުމުންނެވެ. ސައުދީން ނިންމީ މިއަދަކީ ޒުލްގައިދާ މަހުގެ 30 ކަމަށާއި ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށެވެ.