14 Sep 2015, 13:35
ދިވެހިރާއްޖޭގައި މަތީ ތައުލީމަށްކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކޯސްތަކުގައި ބައިވެރިވެވޭ ގަވާއިދުތަކުގެ ފްރޭމްވޯކަށް ބަދަލުތައް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ޝީ ބިލްޑިންގައި ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ތައުލީމީ ދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން ބައިވެރި ވެފައިވެއެވެ. އެގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައިދޭ 40 ވަރަކަށް ފަރާތްތައް އެ ސެމިނާގައި ބައިވެރިވެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ކުރިއަށްދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި، ކޯސްތަކަށް ދަރިވަރުން ވެއްދުމާ ގުޅޭގޮތުން ގަވާއިދުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާ ތައް ކުރިއަށް ގެންދިޔައެވެ.
މިއަދުގެ އެ ސެމިނާގައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް (އެމްއެންކިއުއެފް)ގެ ޑްރާފްޓްގައި ހިމެނޭ ކަންތައްތަކަށް ވަނީ ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކޮށްފައެވެ. އޭގެތެރެއިން އެކި ސެޓްފިކޭޓް ކޯސްތަކާއި ބެޗިލާސް އަށް ކިޔަވަން ބޭނުންވާ ދަރިވަރުން އެންމެ ދައްވެގެން ވަކި އުމުރެއްގައި ތިބުމާއި، އިތުރު ކޮލިފިކޭޝަންތަކަށް ގެންނާނެ ބަދަލުތަކުގެ މައްޗަށް ވަނީ މަޝްވަރާ ކޮށްފައެވެ.
މިއަދު ޝީ ބިލްޑިންގައި ކުރިއަށް ގެންދިޔަ ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ މަޝްވަރާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހްމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އަލަށް އެކުލަވާލާ ފްރޭމްވޯކްގެ ސަބަބުން ތައުލީމުގެ ސެކްޓަރަށް ބޮޑެތި ފައިދާތައް ލިބޭނެ ކަމަށެވެ.
"މިހާރު ޑްރާފްޓްކޮށް މަޝްވަރާ ކުރާ މި ފްރޭމްވޯކްގެ ސަބަބުން ތައުލީމީ ދާއިރާ އަށް އެކި ގޮތް ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
އެމްއެންކިއުއެފް އަކީ ޕޯސްޓް ސެކަންޑަރީ އެޑިއުކޭޝަން ސެކްޓަރަށް އެދެވިގެންވާ ކޮލިޓީއާއި ތަރައްގީ ގެނައުމަށް ތައްޔާރުކޮށްފައިވާ ފްރޭމްވޯކް އެކެވެ.