19 Mar 2011, 22:22
ބެންޣާޒީ : ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ން ފާސްކުރި ޤަރާރު ތަންފީޒު ކުރުމަށްޓަކައި ގައްޒާފީގެ ބާރުތަކަށް ވައިގެ ޙަމަލާތަކެއް ދީފިކަން ފަރަންސޭސިވިލާތުން ހާމަކޮށްފިއެވެ.
ފަރަންސޭސި ދިފާޢީ ވުޒާރާއިން ބުނީ ފަރަންސޭސި ހަނގުރާމަމަތީ މަތިންދާ ބޯޓަކުން ގައްޒާފީގެ ޢަސްކަރީ އަމާޒުތަކަކަށް މިރޭ ވައިގެ ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. މިހަމަލާތައް ދިނީ ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ން ފާސްކުރި ޤަރާރާ ގައްޒާފީ ޚިލާފްވެ ވަޑައިގަތުމުން ކަމަށެވެ. މިއީ އދ. ގެ ޤަރާރު ތަންފީޒުކުރުމަށްޓަކައި ހުޅަނގުގެ ބާރުތަކުން ގައްޒާފީއާ ދެކޮޅަށް ދިން ފުރަތަމަ ހަމަލާއެވެ.
ޚަބަރުތައް ބުނާގޮތުން މިޙަމަލާތައްދިނީ ލިބިޔާގެ އިދިކޮޅު ފަރާތްތަކުގެ މަރުކަޒުކަމަށްވާ ބެންޣާޒީ ހިފަން މަސައްކަތްކުރަމުން ގެންދާ ގައްޒާފީގެ ބާރުތަކަކާ ދެކޮޅަށެވެ.
ގައްޒާފީގެ ބޯޓުތަކުންވަނީ މިއަދުވެސް ބެންޣާޒީގެ ބެނީނާ އެއަރޕޯޓަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. -- އަލްޖަޒީރާ