14 Sep 2015, 12:59
އަފްޣާނިސްތާންގެ މެދުތެރޭގައި އޮންނަ ގަޒްނީ ސިޓީގައި ހުންނަ ޖަލަކަށް ތާލިބާން ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އެ ޖަލުގައި ހައްޔަރުކޮށްފައިތިބި 350 ގައިދީއަކު މިނިވަންކޮށްފި އެވެ.
ގަޒްނީ ޕްރޮވިންސްގެ ޑެޕިއުޓީ ޕްރޮވިންޝިއަލް ގަވަނަރު މުހައްމަދު އަލީ އަހްމަދީ ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު ދިން އެ ހަމަލާގައި ޖަލު ބަލަހައްޓާ ހަތަރު ފުލުހަކު މަރާލާފައިވާއިރު ހަތް ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ޖަލުގައި ބާކީ ތިބީ 80 ގައިދީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ ގަވަނަރު ވިދާޅުވި ގޮތުގައި، ރޭވުންތެރިކަމާއެކު ދިން އެހަމަލާގައި ހަނގުރާމަވެރިން ޖަލު ތެރެއަށް ވަދެގަނެފައިވަނީ ހަނގުރާމަވެރިއަކު ޖަލުގެ ގޭޓް ކުރިމަތީގައި ހުރެ އަމިއްލައަށް މަރުވެގެން ދިން ހަމަލާއަކަށްފަހު ކަމަށެވެ.
މިއަދު ހެނދުނު ދިން އެ ހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގާފައެވެ. ތާލިބާނުންގެ ތަރުޖަމާން އަބިހުﷲ މުޖާހިދާއި ޑެޕިއުޓީ ގަވަނަރު ވެސް ވަނީ އެ ހަމަލާގައި ތާލިބާނުންގެ ހަތަރު މީހަކު މަރުވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.
ޑެޕިއުޓީ ގަވަނަރު އަހުމަދީ ވިދާޅުވާ ގޮތުން އެ ހަމަލާ ދިނުމުގައި ޖަލު ތެރެއިން އެހީތެރިކަން ފޯރުކޮޮށްދީފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޖަލުގައި ތިބި ގިނަ ގައިދީންނަކީ ތާލިބާނުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މައުލޫމާތު: ބީބީސީ