14 Sep 2015, 12:30
އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވާދަކުރުމަށް ފަލަސްތީނަށް ފުރި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމްގެ ކުޅުންތެރިންނަށް ހިލޭ ގުޅޭނެ ގޮތް ހަމަޖައްސައިދީ، އުރީދޫން ކުޅުންތެރިންގެ ބެލެނިވެރިންނަށް ޚާއްސަ ސިމްތަކެއް ހަވާލުކޮށްފި އެވެ.
ސިމް ކާޑް ހަވާލުކުރުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ ފަލަސްތީނަށް އެކުޅުންތެރިން ދާން ޖެހުމުން ކުޅުންތެރިންގެ ބެލެނިވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެހެންވެ އުރީދޫއާ ގުޅިގެން ކުޅުންތެރިންގެ ބެލެނިވެރިންނަށް ސިމްތަކެއް ހަވާލުކޮށް ހިލޭ ގުޅޭނެ ގޮތަށް އުރީދޫ އިން ހަމަޖައްސަވައި ދިނީ ކަމަށެވެ.
ބައްސާމް ވިދާޅުވީ ބެލެނިވެރިންނާ އެކު ބައްދަލުވުމެއްބައްވައި ބެލެނިވެރިންގެ ހުރިހާ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވި ކަމަށާއި އެގޮތުން އޭއެފްސީ މުބާރާތަކަށްވާ އިރު އެފަދަ މުބާރާތެއް ބޭއްވުމުގެ މާހައުލެއް ނެތް ތަނެއްގައި އޭއެފްސީގެ އެއްވެސް މުބަރާތެއް ނުބާއްވާނެ ކަމަުގެ ޔަގީންކަން ބެލެނިވެރިންނަށް ދިނިންކަމަށެވެ.
ބައްސާމް ވިދާޅުވީ ކުޅުންތެރިންނަށް ރައްކާތެރިކަން ނުލިބޭތަނަކަށް އެފްއޭއެމްއިން ވެސް ކުޅުންތެރިންތަކެއް ނުފެންނާނެކަމަށާއި ފަލސްތީނުގެ މުބާރާތަކަށް ދިއުމުގެ ކުރިން ސަރުކާރާވެސް އެކަމުގެ މަަޝްވަރާތައް ކުރިކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދުގެ ހެޑްއޮފް ސޭލްސް ޙުސައިން ނިޔާޒު ވިދާޅުވީ މުބާރާތަށް ފަލަސްތީނުގައި ކުޅުންތެރިން ހޭދަ ކުރަ މުއްދަތުގައި އުރީދޫން ފޯރުކޮށްދޭ ސިމް ކާޑުން ހިލޭ ގުޅޭނެ ކަމަށާއި އަދި ފަލސްތީނުގެ އުރީދޫން ވެސް އެކަމުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
އުރީދޫ އިން ވަނީ ޓީމްގައި ހިމެނޭ 24 ކުޅުންތެރިންގެ ބެލެނިވެރިންނަށް ސިމްކާޑް ފޯރުކޯށްދީފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗް ބުދަ ދުވަހު އުޒުބްކިސްތާނާ ދެކޯޅަށް ނިކުންނައިރު މިއަންނަ ހުކުރު ދުވަހު ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި ނިކުންނާނީ ޔަމާ ދެކޮޅާށެވެ. އަދި ރާއްޖެ ކުޅޭ ފަހު މެޗްގައި މިއަންނަ އާދިއްތަ ދުވަހު ނިކުންނާނީ މުބާރަތް ބާއްވާ ގައުމު ފަލަސްތީނާ ދެކޮޅަށެވެ.
މިއަދު ހެނދުނު ފަލސްތީނަށް ފުރި ރާއްޖެ ހިމެނެނީ ފަލަސްތީނާއި ޔަމަނާއި އުޒުބްކިސްތާން ހިމެނޭ ކޮލިފިކޭޝަންގެ ގުރޫޕް 'އޭ'ގައެވެ.