14 Sep 2015, 13:04
ޗައިނާގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަކަށް އެގައުމުގެ ލޯކަލް ފިލްމެއް ކަމަށްވާ "މޮންސްޓާ ހަންޓް" ވެއްޖެއެވެ.
މޮންސްޓާ ހަންޓަކީ ޗައިނާގެ މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީގައި 1994 ވަނަ އަހަރަށްފަހު އެންމެ ގިނަ އާމްދަނީ ހޯދި ފުރަތަމަ ލޯކަލް ފިލްމެވެ. ޗައިނާގައި ހޮލީވުޑްގެ ފިލްމުތައް އަޅުވަން ފެށި އަހަރަކީ 1994 ވަނަ އަހަރެވެ.
ފެންޓަސީ ފިލްމު މޮންސްޓާ ހަންޓް، ބޮކްސް އޮފީހުގެ ޗާޓުތައް މުގުރާލުމުގެ ކުރިން އެ މަގާމުގައި އޮތީ ހޮލީވުޑްގެ މަޝްހޫރު ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ އެންމެ ފަހު އިންސްޓޯލްމެންޓެވެ.
ޗައިނާގެ ސިނަމާތަކުގައި އެޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޮންސްޓާ ހަންޓް ވަނީ 382 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އެއާއެކު މިހާތަނަށް ޗައިނާގައި ފާސްޓް އެންޑް ފިއުރިއަސް އަށް ލިބިފައިވަނީ 381 މިލިއަން ޑޮލަރެވެ.
ފެންޓަސީ ލައިވް އެކްޝަން އެއްގޮތުގައި ތައްޔާރުކޮށްފައވާ އެ ފިލްމުގެ މުހިއްމު ކެރެކްޓަރުންގެ ރޯލުތަކުން ފެނިގެންދާނީ ބެއި ބާއި އާއި ބޯރަން ޖިންގް އާއި ޖިއަންގް ވޫ އަދި އެލެއިން ޖިން އެވެ.