ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްގީއަށް ސައުދީ ސަރުކާރުން ދިވެހި ރާއްޖެ އަށްދޭ 80 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްމުގައި މިއަދު ސޮއިކޮށްފި އެވެ.

ލޯނު އެގްރީމެންޓުގައި ސޮއިކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ވައިސް ޗެއާމަން ޔޫސުފް އަލް ބައްސާމް އެވެ.

ސޮއިކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، އެ ލޯނަކީ ސައުދީ ސަރުކާރާ ރާއްޖޭގެ ސަރުކާރާ އޮތް ގުޅުމުގެ ފުރިހަމަކަން ދައްކައިދޭ މިސާލެއް ކަމަށެވެ. އަދި އެއީ މިހާތަނަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއަކަށް ބޭރުގެ ފަރާތަކުން ދިން އެންމެ ބޮޑު އެއް ލޯނު ކަމަށެވެ. އަދި ލޯން އެގްރީމެންޓްގައި ސޮއިކުރުމަށް ހޭދަވީ މުއްދަތަކީ "ރެކޯޑެއް" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު އަނބުރާ ދައްކަން ޖެހެނީ 25 އަހަރު ތެރޭގައި ކަމަށެވެ. އޭގެ ތެރެއިން ގްރޭސް ޕީރިއަޑްގެ ގޮތުގައި ފަސް އަހަރު ހަމަޖައްސާފައިވާ ކަމަށާއި ލޯނު އިންޓަރެސްޓަކީ ދެ ޕަސެންޓް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެގްރީމެންޓްގައިވާ ގޮތުން ލޯނު އަނބުރާ ދައްކަން ފައްޓަން ޖެހޭނީ އެގްރީމެންޓްގައި ސޮއިކުރާތާ ފަސް އަހަރު ފަހުން ކަމަށެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ވައިސް ޗެއާމަން ޔޫސުފް އަލް ބައްސާމް ވެސް ވިދާޅުވީ އެ ލޯނަކީ ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ލާމަސީލު މިސާލެއް ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިހަވަހީގެ މަސައްކަތްތައް ނިމުމުން ރާއްޖޭގެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތާގައި ވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކަށް ސައުދީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގައި މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ލޯނު އެހީގެ ސަބަބުން މަސައްކަތްތަކުގެ ސްޕީޑް އަވަސްވެގެން އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ލޯނު އެހީ ބޭނުންކުރަން ހަމަޖެހިފައި ވަނީ މައިގަނޑު ހަތަރު ދާއިރާކަށް ކަމަށެވެ. އެގޮތުން 1200 މީޓަރު ދިގުމިނުގައި ހުންނަ ޝީޓް ޕައިލިން ޕްރޮޖެކްޓާއި ފޭސް ވަންއާއި ފޭސް ޓޫ ބްރިޖް ތަކަކުން ގުޅުވާލުމާއި އިކޮނޮމިކް ޒޯން އާއި ފެސް ޓޫގެ މެއިންލޭންޑާ ދެމެދު ޗެނަލިން ހެދުމާއި ފޭސްޓޫގެ ދެ ހާބަރަށް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވިވެވަޑައިގަތެވެ.