14 Sep 2015, 10:57
މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް އޮތް މާއްދާ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
އެ މައްސަލައަކީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި ފަސް ވަނަ މާއްދާގެ 1 ބާތިލްކޮށްދިނުމަށް އެދި ފަސް މީހެއްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެ އެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ހއ. އިހަވަންދޫ އަންބަރީގޭ އަބްދުލްމާނިއު ހުސައިނާއި ސ. ހިތަދޫ ބާޒީގޭ ހުސައިން ޝަހީދާއި ޅ. ނައިފަރު ނަސީމާ މަންޒިލް އަބްދުﷲ ޝިޔާޒާއި ގދ. ގައްދޫ ބޯޅަދަނޑުގޭ އަބްދުﷲ ނަސީރުގެ އިތުރުން ހދ. ކުރިނބީ ރަންކޮކޯ ހަސަން ވަހީދެވެ.
މިއަދަށް ތާވަލު ކުރި އެ މައްސަލަ ކެންސަލްވީ ދައުލަތުން ޝަރީއަތަށް ހާޒިރު ނުވާތީކަން ވަނީ އެނގިފަ އެވެ.
އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނައިބުގެ ފަރާތުން އެދިފައިވަނީ އިސްލާމީ ޝަރީއަތުގެ ދަށުން ޝަރީއަތުން ގޮތެއް ކަނޑައަޅައިދޭން ކަމަށެވެ.
އެދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން ދެން އޮންނަ ޝަރީއަތެއްގައި ހުކުމް އޮއްނާނެ ކަމަށް ފަނޑިޔާރުން ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ބާތިލުކޮށްދިނުމަށް އެދުނު މަރުގެ އަދަބު ލުއިކޮށްދޭ މާއްދާގައި ވަނީ މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވައިފި ނަމަ ނުވަތަ ދަށު ކޯޓުން ނުވަތަ ހައި ކޯޓުން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ ހުކުމް އުމުރަށް ޖަލަށްލުމުގެ އަދަބަކަށް ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށެވެ.