14 Sep 2015, 10:41
ފީފާ ވޯލްޑްކަޕްގެ ޓީވީ ރައިޓްސް ވިއްކައިގެން ފީފާގެ ރައީސް ސެފް ބްލެޓާގެ އަރިސް މީހެއް ކަމުގައިވާ ފީފާގެ ކުރީގެ އެގްޒެކެޓިވް ޖެކް ވޯނާއަށް ފައިދާގެ ގޮތުގައި 11 މިލިއަން ޕައުންޑް ހޯދައިފައިވާކަން ހާމަވެއްޖެއެވެ.
ސްވިޒަލޭންޑްގެ ޓީވީ ޗެނަލެއްކަމުގައިވާ އެސްއާރްއެފްއިން ދެއްކި އެގްރިމެންޓްގައި ބްލެޓާ ވަނީ ސޮއިކުރައްވައިފައެވެ. 2005 ވަނަ އަހަރު ކުރެވުނު މިއެއްބަސްވުމުގައި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވުނު ވޯލްޑްކަޕާއި މިދިޔަ އަހަރު ބްރަޒިލްގައި ބޭއްވުނު ވޯލްޑްކަޕްގެ ޓީވީ ރައިސްޓްސް، ވޯނާ ކޮންޓްރޯލް އޮންނަ ކެރީބިއަން ފުޓްބޯލް ޔޫނިއަން (ސީއެފްޔޫ) އަށް 60000 އެމެރިކާ ޑޮލަރަށް ވިއްކާލާފައިވަކަން އެނގެއެވެ.
ޕްރެސް އެސޯސިއޭޝަނުން ކޮށްފައިވާ ތަހްގީގްތަކުން ހާމަވާ ގޮތުގައި އޭރު ސީއެފްޔޫގެ ރައީސްގެ މަގާމުގައި ހުންނެވި ވޯނާ ވަނީ ފަހުން ސަބް ލައިސެންސެއްގޮތުގައި ކޭމަން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ އޭނާގެ ކުންފުންޏެއް ކަމުގައިވާ ޖޭ އެންޑް ޑީ އިންޓަނޭޝަނަލްއަށް ވިއްކާލާފައެވެ.
އެސްއާރްއެފްއިން ބުނެފައިވަނީ ފަހުން ޖޭ އެންޑް ޑީ އިންޓަނޭޝަނަލްއިން ވަނީ ސަބް ލައިސެންސްގެ ގޮތުގައި އެކުންފުނިން ގަނެފައިވާ ރައިޓްސް 2007 ވަނަ އަހަރު ޖަމައިކާގެ ކޭބަލް ޓީވީ ސްޓޭޝަނެއް ކަމަށްވާ ސްޕޯޓްސް މެކްސްއަށް 18 މިލިއަނާ 20 މިލިއަން ޑޮލަރުގެ އަގަކަށް ވިއްކާލާފައިވާކަމަށެވެ.
އަދި ސަބް ލައިސެންސެންސްގެ ގޮތުގައި ވިއްކާލި ޓީވީ ރައިޓްސްއަށް ލިބޭ ފައިދާގެ 50 ޕަސެންޓް ޖޭ އެންޑް ޑީއަށް ދިނުމަށްވެސް ސްޕޯޓްސް މެކްސްއާއެކު ކުރެވުނު އެއްބަސްވމުގައި ވެއެވެ.
މިއީ ވޯނާގެ ހިއްސާ އޮންނަ ކުންފުނި ތަކުން ފީފާގެ ޓީވީ ރައިޓްސް ގަތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2006 ވަނަ އަހަރު ޖަރުމަންގައި ބޭއްވި ވޯލްޑްކަޕްގައި ވެސް ޓީވީ ރައިޓްސްއިން ބައެއް އޭނާ ހިއްސާވާ ނުވަތަ ކޮންޓްރޯލް އޮންނަ ކުންފުނިތަކަށް ވިއްކާލާފައިވާކަން ވަނީ ހާމަވެފައެވެ.
ފީފާގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން މިހާރުވެސް ޖެކް ވޯނާގެ މައްސަލަތަކެއް ކޯޓްގައި ހިނގަމުން އެބަދެއެވެ.