19 Mar 2011, 17:01
އެޓާނީ ޖެނެރަލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ޑރ. އަހުމަދު އަލީ ސަވާދާއި ހޯމް މިނިސްޓަރު ކަމަށް ހުށަހަޅުއްވާފައިވާ ހަސަން އަފީފާއި އެޑިޔުކޭޝަން މިނިސްޓަރަކަށް ހުށަހަޅުއްވާފައިވާ ޝިފާ މުހަމަދާއި ޓޫރިޒަމް މިނިސްޓަރަކަށް ހުށަހަޅުއްވާފައިވާ ޑރ. މަރިޔަމް ޒުލްފާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުށަހަޅުއްވާފައިވާ އާދިލް ސަލީމު މިނިސްޓަރުކަމުގައި ތިއްބެވުމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގެ ތަޅުމަށް، އެބޭފުޅުންގެ ނަންތައް ފޮނުވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން މިހާރު ވަނީ އެބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު ކަމާ ބެހޭ ރިޕޯޓް އެކުލަވާލައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެޓާނީ ޖެނެރަލް ކަމުގެ މަގާމު ހަވާލު ކުރައްވާފައިވާ ޑރ. އަހްމަދު އަލީ ސަވާދާއި ހޯމް މިނިސްޓަރުކަން ހަވާލު ކުރައްވާފައިވާ ހަސަން އަފީފަށް ރުހުން ދޭން ނުފެންނަ ކަމަށް އެކޮމިޓީގެ ރިޕޯޓްގައި ވަނީ ހިމަނައިފަ އެވެ. ޑރ. ސަވާދަކީ މީގެ ކުރިން ވެސް މިނިސްޓަރުކަމަށް މަޖިލީހުގެ ރުހުން ނުލިބުނު ބޭފުޅެކެވެ. އަދި އެޑިއުކޭޝަން މިނިސްޓަރުކަން ހަވާލު ކުރައްވާފައިވާ ޝިފާ މުހައްމަދަށް މަޖިލީހުގެ ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް ރިޕޯޓްގައި ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރުކަން ހަވާލު ކުރައްވާފައިވާ ޑރ. މަރިޔަމް ޒުލްފާ މުހައްމަދާއި ޓްރާންސްޕޯޓް މިނިސްޓަރުކަން ހަވާލު ކުރައްވާފައިވާ، އާދިލު ސަލީމަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފެންނަ ގޮތަކަށް ނިންމުމަށް ވެސް އެ ކޮމިޓީގެ ރިޕޯޓްގައި ވަނީ ހިމަނައިފަ އެވެ. އެ ރިޕޯޓް އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.