14 Sep 2015, 10:11
ސުޒުކީ މޮޓޯ ކޯޕަރޭޝަންގެ ޓައިޓަލް ސްޕޮންސާޝިޕާއެކު ދެކުނު އެޝިއާ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރަތުގެ ނަން 'ސާފް ސުޒުކީ ކަޕަށް' ބަދަލުކޮށްފިއެވެ.
ސްޕޮންސާޝިޕްގެ އެއްބަސްވުމަށްފަހު ސައުތުއޭޝިއާ ފުޓްބޯލް ފެޑްރޭޝަން (ސާފް) ގެ ރައީސް ކަޒީ އެމްޑީ ސެލާހުދީން ވިދާޅުވީ، ސުޒުކީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސާފްގެ މުބަރާތަކީ މުޅި އޭޝިއާގައިވެސް ފާހަގަ ކުރެވޭ ޕްރޮފައިލް މުބާރަތެއްކަމުގައި ހެދުމަށް އެކުންފުނިން އެހީތެރިވެދޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.
ސުޒުކީ މޮޓޯ ކޯޕަރޭޝަންގެ މެނޭޖިން އޮފިސަރު ކިންޖީ ސައިޓޯ ވިދާޅުވީ، ސާފް ސުޒުކީ ކަޕް 2015ގެ ޓައިޓަލް ސްޕޮންސަރުކަން އެކުންފުންޏަށް ލިބުމަކީ އެކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރަތަކީ މަގުބޫލު މުބާރާތެއް ކަމުގައި ހެދުމަށް އެކުންފުނިން އެހީތެރިވެދޭނެކަމަށެވެ.
އަދި މިމުބާރާތުން އެކުންފުނީގެ ބްރޭންޑް ގިނަ ބަޔަކަށް އެނގިގެންދާނެކަމަށް އުންމީދު ކުރާ ކަމަށްވެސް ކިންޖީ ސައިޓޯ ވިދާޅުވިއެވެ.
ސުޒުކީގެ ސްޕޮންސާޝިޕާއެކު މިއަހަރު އިންޑިއާގެ ކެރެލާ ސިޓީގެ ވެރިރަށް ޓްރެވެންޑްރަމްގައި ބާއްވާ ސާފްގެ ނުވަ ވަނަ މުބާރާތް ބާއްވާނީ 'ސާފް ސުޒުކީ ކަޕް'ގެ ނަމުގައެވެ.
މިއަހަރުގެ މުބާރާތް އޮންނާނީ ޑިސެމްބަރު 23 ން ޖެނުއަރީ ޖެނުއަރީ 3 ށެވެ.
މުބާރާތުގެ ގުރުއަތުލުން މިއަންނަ ބުދަދުވަހުގެ ރޭ ބައްވާގޮތަށް ސާފުން ވަނީ ނިންމާފައެވެ.
މިއީ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާން ސާފް މުބާރަތުގައި ވާދަކުރާ އެންމެ ފަހު ފަހަރެވެ.
އޭއެފްސީން ވަނީ އަފުޣާނިސްތާން ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަންގެ މެންބަރު ގައުމެއްގެ ގޮތުގައި ހިމަނާފައެވެ.