15 Sep 2015, 12:27
އަހަރެމެންގެ ބަދިގެތަކުގައި އާންމުކޮށް ކައްކާ ބަވަތްތަކުގެ ރަހަ ހެޔޮވަރުކޮށްލުމަށް އެއަށް ލޮނުމެދު އަޅާ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ލޮނުމެދަކީ ހަމައެކަނި އެއިން ކާ އެއްޗެހީގެ ރަހަ މީރުކޮށްލަދޭ އެއްޗެއް ނޫނެވެ. އިންސާނާގެ ސިއްހަތަށް އެއިން ގިނަގުނަ ފައިދާތަކެއް ލިއްބައިދެ އެވެ.
ލޮނުމެދު ނުވަތަ ގާލިކުން އަހަރެމެން އިންސާނުންނަށް ލިބޭ އެންމެ ބޮޑު ފައިދާ އަކީ އޭގައި ހުންނަ ތެލުން ލިއްބައިދޭ ފައިދާ އެވެ. އެގޮތުން އެ ތެލުގެ އެހީގައި އިންސާނާގެ ހިތާއި ހިތާ ގުޅިފައިވާ މައިނާރުތަކުގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުމުގައި އުޅޭ މައްސަލަތަކަށް ލުޔެއް ލިބޭނެ އެވެ. އޭގެ އިތުރުން ލޮނުމެދަކީ ގިނަ އަދަދަކަށް ވިޓަމިން އާއި ނިއުޓްރިއަންޓްސް އަދި އެންޒީމްސް އާއި އަމިނޯ އެސިޑް އޭގައި ހިމެނޭ ބާވަތެކެވެ.
ރޯކޮށް ލޮނުމެދު ކާންވީ ކީއްވެ؟
އާންމުކޮށް ލޮނުމެދު ބޭނުންކުރަނީ ކައްކައިގެން، އަދި ބައެއް ފަހަރު ފިހެގެން ވެސް ބޭނުންކުރެ އެވެ. ނަމަވެސް ނުކައްކައި ރޯކޮށް ކާ ނަމަ އޭގެ ފައިދާ އެތައް ގުނައެއް އިތުރެވެ. ސަބަބަކީ ކެއްކުމުގެ ސަބަބުން އޭގައި ހުންނަ ތެޔޮތަކުގެ ބާރުދެ އެވެ. ލޮނުމެދުގައި ހުންނަ ތެލަކީ ކެންސަރު ބައްޔަށް ވެސް އޮތް ފަރުވާއެކެވެ.
މި ތެޔޮތައް އާންމުކޮށް ފެންނާނީ ލޮނުމެދު ފުޑާލާފައި ނުވަތަ ކޮށާލާފައި ފަހެއް ނުވަތަ 10 މިނިޓް ފަހުންނެވެ. ލޮނުމެދު ކާން އެންމެ ރަނގަޅުވާނީ ވެސް ކޮށާފައި ފަސް ވަރަކަށް މިނަޓް ވަންދެން ބެހެއްޓުމަށް ފަހު އެވެ.
ކޮންމެ ދުވަހަކު ރޯކޮށް ލޮނުމެދު ކާނަމަ ވާނެ ފައިދާތައް
ކެންސަރުން ދުރުކޮށްދޭ
ކޮންމެ ދުވަހަކު ކޮންމެވެސް އެއްގަޑިއެއްގައި ލޮނުމެދު ކާނަމަ ތަފާތު ވައްތަރުތަކުގެ ކެންސަރުބަލި ޖެހުމުން ދުރުކޮށްދެ އެވެ. އެގޮތުން ފިރިހެނުންގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރާއި އަންހެނުންގެ މުޅި ކުޑަކަމުދާ ނިޒާމަށް ޖެހޭ ކެންސަރާއި، ބަނޑުގެ ކެންސަރާއި މައި ގޮހޮރަށް ޖެހޭ ކެންސަރުން ދުރުކޮށްދެ އެވެ. ލޮނުމެދުގައި ހުންނަ މާއްދާތަކެއްގެ އެހީގައި ކެންސަރު ސެލްތައް އިތުރަށް އާލާވިޔަ ނުދީ މަރާލަ އެވެ.
ހިތާއި މައި ނާރުތަކަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭ
ލޮނުމެދުގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް އުފެދޭ މިންވަރު ދައްކޮށްދެ އެވެ. އޭގެ ސަބަބުން ނާރުތަކުގައި ލޭ ގަނޑުވުމާއި ނާރު ފިތުމާއި ހިތަށް ދިމާވާ މައްސަލަތަކުން ސަލާމަތްކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އިމިއުން ސިސްޓަމަށް ފަރުވާއެއް
އެކި ކަހަލަ ވައިރަސްތަކުން އިންސާނާއަށް ޖެހޭ ބަލިތައް ގިނައިން ޖެހި އޭގެ ނުރައްކާ ބޮޑުވަނީ އިމިއުން ސިސްޓަމަށް އޭގެ އަސަރު ކުރުމުންނެވެ. އެކިކަހަލަ ރޯގާތަކުން، ސަލާމަތްކޮށްދޭނެ އެވެ.
ކަށިތަކުގައި ރިއްސުމުން ދުރުކޮށްދޭ
ލޮނުމެދަކީ ކަށިތަކަށްވާ ފަރުވާއެކެވެ. ހާއްސަކޮށް އަންހެނުންގެ ކަށިތަކުގައި ރިއްސާ މައްސަލައަށް މިއީ ފަރުވާއެކެވެ.