14 Sep 2015, 10:27
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކުރާ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ކުރިމަތިލުމުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފައި ވަނީ މިދިޔަ އޯގަސްޓު މަހު އެ މިނިސްޓްރީން ކުރި އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން ކަމަށެވެ. ހަމައެއާއެކު ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުމަކީ ވެސް އެ ކައުންސިލުގެ ޒިންމާ އެކެވެ.
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަސްއޫލިއްޔަތަކީ ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރު މެވެ.
ގާނޫނުގައި ބުނެފައި ވަނީ މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުމަކީ ވެސް އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކުސް ދިނުމުގައި ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާއަށް ބަލާނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓުފިކެޓަށް އެކަނި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ނާސިން އެންޑު މިޑްވައިފް ކައުންސިލަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެ މިނިސްޓްރީއަށް އެކަން ހުށަހަޅަން އެދޭ ކަމަށެވެ.