ފަނޑިޔާރުންނާއި ކޯޓުތަކާ ގުޅޭ ގޮތުން މީޑިޔާގައި ދައްކާ ވާހަކަތަކާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީގެ މިއަދުގެ އެޖެންޑާގެ އެންމެ ފުރަތަމަ އައިޓަމެއްގެ ގޮތުގައި ހިމަނާފައި ވަނީ ފަނޑިޔާރުންނާއި ކޯޓުތަކާ ގުޅޭ ގޮތުން މީޑިޔާގައި ދައްކާ ވާހަކަތަކާމެދު މަޝްވަރާ ކުރުމެވެ. އަދި އެކަމާމެދު ގޮތެއް ނިންމުމަށް ވެސް އެ ޖަލްސާގައި ނިންމާފައިވެ އެވެ. ނަމަވެސް އާންމުކޮށް ކަން ހިނގާ ގޮތަށް ކޮމިޝަނުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދު ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.

ފަނޑިޔާރުންނާއި ކޯޓުތަކާ ގުޅޭ ގޮތުން މީޑިޔާގައި ދައްކާ ވާހަކަތައް ޖޭއެސްސީން ބެލުމަށް ނިންމާފައި މި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވައްދާފައި ވަނިކޮށެވެ.