މާލޭގެ ހުޅަނގު ދެކުނު ބަދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ މަޝްރޫއެއް ސަރުކާރުން ރާވަފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫ މަގު ހެދުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުން ފުނަދޫގައި ހުންނަ ވިލާ ކޮލެޖް ކެމްޕަހުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ހިމެނޭ ގޮތަށް ބޮޑު ސަރަހައްދެއް ހިއްކުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު މަޝްރޫއު އާއި އެކު އަންނާނެ ބަދަލުތައް

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ވޯކްޝޮޕްތައް އެ ސަރަހައްދަށް ބަދަލުކުރުން

މާލޭގަ ހުރި ގުދަންތައް އެ ސަރަހައްދަށް ބަދަލުކުރުން

ކުނި ކޮށި އެ ސަރަހައްދަށް ބަދަލުކުރުން ކުނި މެނޭޖް ކުރުން

ކުނި އަޅާ ބާޖް ސީދާ އެ ސަރަހައްދަށް ކައިރިކުރެވޭނެ ގޮތް ހެދުން

ކްރޭން ފަދަ ވެހިކަލް އެ ސަރަހައްދަށް ބަދަލުކުރުން

ކޮންކްރީޓް މިކްސް ކުރެވޭނެ ގޮތެއް އިންތިޒާމްކުރުން

ތެޔޮ ލޮރީތައް އެ ސަރަހައްދަށް ބަދަލުކުރުން

މުއިއްޒު ވިދާޅުވީ ވޯކްޝޮޕް ފަދަ މަސައްކަތްތައް ކުރާ ތަންތަން މީހުން ދިރިއުޅޭ ގެތަކާއި ކައިރީގަ ހުރުމުން އޭގެ ސަބަބުން ސިއްހީ މައްސަލަތަކާއި އިޖްތިމާއީ މައްސަލަތައް ވެސް ދިމާވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ރާވާފައިވާ މަޝްރޫ އާއި އެކު އެފަދަ ކަންކަމަށް ހައްލު އަންނާނެ ކަމަށެވެ.

މީގެ އިތުރުން ސަލްޓަން ޕާކަކީ ރާއްޖޭގެ ނެތް ފެންވަރުގެ އަދި އިންޓަނޭޝަނަލް ފެންވަރުގެ ޕާކަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެތަނުގައި ކުޑަކުދިންނަށް ތަފާތު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމު ކުރައްވާނެ ކަަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމު "ވިސްނުންތެރިކަމާއި އެކީގަ މުހިއްމު ނިންމުންތައް ނިންމަވަމުން މި ދަނީ ގައުމުގެ ކުރިމަގަށްޓަކައި" ކަމަށާއި އެ ފަަދަ މަސައްކަތްތަކެއް މީގެ ކުރިން ފެނިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ތަރައްގީއަށްޓަކައި ސަރުކާރުން ކުރާކަންކަން އޮޅުވާނުލެވޭނެ ކަމަށް ވެސް މުއްޒު ވިދާޅުވިއެވެ.