13 Sep 2015, 23:53
މިހާރު ރާއްޖޭގައި ބޭނުން ކުރަމުންދާ ކަލަންޑަރާއި ޚިލާފަށް ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށާއި އަދި އަޟުހާ އީދަކީ ސެޕްޓެމްބަރު 24 ކަމަށް ސައުދީ އަރަބިޔާއިން ނިންމައިފި އެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ. އަދި ހައްޖު ދުވަހަކީ ސެޕްޓެމްބަރު މަހު 23 އެވެ.
އެގޮތަށް ނިންމީ މިރޭ ހައްޖުމަހުގެ ހަނދު މިރޭ ނުފެނުމުންނެވެ. ސައުދީން ނިންމީ މާދަމާ އަކީ ޒުލްގައިދާ މަހުގެ 30 ކަމަށާއި ހައްޖުމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށެވެ.
ހުކުރު ދުވަހު ހަވީރު މައްކާއަށް މޫސުމް ގޯސްވެ ހަރަމްފުޅު ތެރެއަށް ބިޔަ ކްރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 107 އަށް އަރައި އެ ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު 238 އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.
ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތުގައި ގެންގުޅުނު ކެރޭން ވެއްޓުމުން ގެއްލުން ލިބުނު ތަންތަން މަރާމާރު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.