19 Mar 2011, 15:58
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް، 20، ފިލައިގެން އުޅޭތާ ތިން ދުވަސް ވީއިރުވެސް ފެނިފައި ނުވާތީ އޭނާ ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
އަލިކިލެގެފާނު މަގުން މަޖީދީ މަގު ޓްރެފިކްލައިޓް ކައިރީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު، 21، ގެ ކަރަށާއި ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި މީގެ ތިން ދުވަސް ކުރިން ފުލުހުން ހޯދަން ފެށި މާރާމާރީ އާއި ކުށުގެ ރެކޯޑް އޮންނަ ޝަހުމް ވަނީ ފުލުހުން އޭނާ ހޯދަން ފެށުމުން ފިލާފަ އެވެ.
ނަމަވެސް ފުލުހުން އެދުވަހު ބުނެފައިވަނީ ޝަހުމް "ފެނިއްޖެ ނަމަ ކުރިމަތިނުލުމަށާއި އޭނާއަކީ އެއަށް ވުރެ މާ ނުރައްކާތެރި މީހެއް" ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ފިލައިގެން އުޅޭ ޝަހުމް އަދިވެސް ހައްޔަރުނުކުރެވޭ ކަމަށާއި އޭނާގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރުމަށެވެ.
"އަޅުގަނޑުމެން މި އެދެނީ މިފަދަ ނުރައްކާތެރި މާރާމާރީތަށް މަދުކުރުމަށް އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން. އެގޮތުން ޝަހުމްގެ މައުލޫމާތު އެގިއްޖެނަމަ ލަސްނުކޮށް އަޅުގަނޑުމެންނަށް ރިޕޯޓް ކޮށްދެއްވުމަށް އެދެން،" އޮފިޝަލް ވިދާޅުވި އެވެ.
އަހުސަންގެ މަރާ ގުޅިގެން ފުލުހުން މިހާރު ފަށާފައިވާ ތަހުގީގުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެއީ ކިތައް މީހުން ކަމެއް ވެސް ކޮން ބައެއް ކަމެއްވެސް އަދި ފުލުހުން ނުބުނެ އެވެ.
"މިހާރުވެސް ބައެއް މީހުން ހައްޔަރުކޮށް ސުވާލުކުރަމުން އެބަދޭ. އަނެއް ބަޔަކު ސުވާލުކުރުމަށް ފަހު ދޫކޮށްލައިފިން. އަޅުގަނޑުމެން ޝައްކު ކުރެވޭ މީހުންނާ ގުރޫޕް ހަދައިގެން އުޅޭ މީހުން ހައްޔަރުކުރަމުން ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.
އަހުސަންގެ މަރާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދާ ޝަހުމް އަކީ މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލުމުގެ ތުހުމަތުގެ ދައުލަތުން ދައުވާ ކުރާ މީހެކެވެ. ނަމަވެސް ދާދިފަހުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ހަ މަސްވީ އިރު ވެސް މެޑިކޯ ލީގަލް ރިޕޯޓް ނުލިބިގެން ހެލްތް މިނިސްޓަރު ޒިންމާދާރު ކުރުވަން ކަމަށް ބުނެ އެވެ.