14 Sep 2015, 08:58
ކޮލަންބޯ: ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް މިއަދު ފައްޓަވާ ދަތުރުފުޅާ ގުޅިގެން ލަންކާ ސަރުކާރުގެ ހައްޔަރުގައިތިބި ޓެމިލް ނާޑޫގެ މަސްވެރިންތަކެއް މިނިވަންކުރަން ނިންމައިފި އެވެ.
ލަންކާ ސަރުކާރުން ބުނާގޮތުން، މިނިވަންކުރަން ނިންމާފައިވާ 16 މަސްވެރިންނަކީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަގަށް މަސްވެރިކަން ކުރަން ވަދެގެން އުޅެނިކޮށް މިދިޔަ ހަފްތާތެރޭގައި ހައްޔަރުކުރި ބައެކެވެ.
އެމީހުން މިނިވަން ކުރަން ނިންމާފައިވަނީ ލަންކާ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުންނާއި ދެގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އެކުވެރިކަން ދެމެހެއްޓުމަށް ކަމަށް ލަންކާ ބޮޑު ވަޒީރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ލަންކާއިން އިންޑިއާގެ މަސްވެރިންތަކެއް މިނިވަންކުރުމަށް ނިންމާފައިމިވަނީ، ޓެމިލް ނާޑޫގެ މަސްވެރިންގެ ޖަމިއްޔާއަކުން އެމީހުން މިނިވަންކުރުމަށް ގޮވާލާފައިވަނިކޮށެވެ.
ލަންކާގެ މަސްވެރިކަމާ ބެހޭ ވަޒީރު މަހިންދަ އަމަރަވީރާ ވިދާޅުވާ ގޮތުން އެމީހުން މިނިވަން ކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ. ނަމަވެސް އެމީހުން މިނިވަން ކުރަނީ ވަކި ހާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި ކަމަށް ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައިވެ އެވެ.
މިއަހަރުގެ މާޗް މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ލަންކާގެ ސަރުކާރުން އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަގަށް މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިތިބި އިންޑިއާގެ 86 މަސްވެރިއަކު މިނިވަންކޮށްފައިވާއިރު، ހަމަ އެ މަހުގެ ފަހުކޮޅު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވެސް ވަނީ ޓެމިލް ނާޑޫގެ 54 މަސްވެރިއަކު މިނިވަންކުރެއްވުމަށް އަމުރު ކުރައްވާފައެވެ.
ރަސްމީ ދަތުފުޅެއްގައި ލަންކާގެ ބޮޑުވަޒީރު ރަނިލް އިންޑިއާއަށް ވަޑައިގަންނަވާނީ މިއަދު އެވެ. މިއީ ބޮޑުވަޒީރު ކަމާ މިއަހަރުގެ ޖެނުއަރީ މަހު ހަވާލުވެލެއްވި ފަހުން ގައުމުން ބޭރަށް ރަނިލް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ތިން ދުވަހުގެ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އާއި ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިތުރުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖާ އެކު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އޮތް މަސްވެރިންގެ މައްސަލައާ ގުޅިގެން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށްވެސް ބެލެވެއެވެ.
މައުލޫމާތު: ލަންކާ އަދި އިންޑިއާގެ ބައެއް ނޫސް އެޖެންސީތައް