ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އޮތް ޖުވެލަރީ ފެއާއަކުން 300،000 ޑޮލަރުގެ އަގުހުރި ޑައިމަންޑް ޖުވެލަރީއެއް "ވަގަށް" ނަގައި ކާލައިން ގައުމުން ފުރަން އުޅުނު ޗައިނާ އަންހެނަކު ފަޅާއަރައި ހައްޔަރުކޮށްފި އެވެ.

އެ އަގުބޮޑު ޑައިމަންޑް އޭނާގެ ބަނޑުން ނަގަން ޖެހުނީ އޮޕަރޭޝަނެއްކޮށްގެންނެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރޭ ބުނީ، އުމުރުން 39 އަހަރުގެ ޖިއާންގް ސުލައިން ކިޔާ މީހަކު އެ ޑައިމަންޑް ކާލީ ގައުމުން ބޭރަށް އެ މައުދަން ވަގަށް ގެންދިއުމުގެ ނިޔަތުގައި ކަމަށެވެ.

ހަ ކެރެޓްގެ އެ ޑައިމަންޑް އޭނާ ކައިލީ ބުރާސްފަތި ދުވަހު އޮތް ޖުވެލަރީ ފެއާއެއްގެ ތެރެއިންނެވެ. ނަމަވެސް ސެކިއުރިޓީ ކެމެރާ އިން އޭނާ ވަނީ ފަޅާއަރައިފަ އެވެ. އަދި ސުވަރުނަބުވަން އެއާޕޯޓުން އޭނާ ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާއާ އެކު ފުރަން އުޅުނު ފިރިހެނެއް ވެސް ހައްޔަރު ކުރި އެވެ.

އޭނާ ޑައިމަންޑް ވަގަށް ނެގީ އެ ޑައިމަންޑް ބަލަން ނެގުމަށް ފަހު، އެ އޭގެ ބަދަލުގައި "ފޭކް" ޑައިމަންޑެއް ބާއްވައިގެންނެވެ.

ޖިއާންގް ސުލައިން (ކ) އާއި އޭނާ އެކު ދަތުރު ކުރި މީހާ

ފުލުހުން ބުނީ އެ މައުދަން ދިރުވާލި ކަމަށް އެ އަންހެންމީހާ ފުރަތަމަ އިންކާރު ކުރި ކަމަށާއި ނަމަވެސް އެކްސްރޭ ނެގި އިރު އޭނާގެ ބަނޑުގައި ޑައިމަންޑް އޮތްކަން ފަޅާއެރި ކަމަށެވެ.

ހޮސްޕިޓަލުން ފުރަތަމަ ބެލީ ބޭހެއް ދީގެން އެ ޑައިމަންޑް ހަޖަމުގެ ތެރެއިން ނެރެވޭތޯ އެވެ. ނަމަވެސް އެ ގޮތަށް އެކަން ކާމިޔާބު ނުވުމުން ގޮހަރަށް ޓޫލެއް ވައްދައިގެން އެ މައުދަން ވަނީ އާދީއްތަ ދުވަހު ނަގައިފަ އެވެ.

ބޭންކޮކް ޕޯސްޓުން ބުނީ އެ އޮޕަރޭޝަނަށް ނެގީ 12 މިނިޓް ކަމަށާއި އޭނާ ހޮސްޕިޓަލުގައި ރަނގަޅުވަމުން އަންނަ ކަމަށެވެ.