އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި އާ ރަންވޭއަކާއި އާ ޓާމިނަލަކާ އެކު 2017ގައި ތަރައްގީކޮށް ނިންމަން ފައްޓާފައިވާ މަޝްރޫއު އަށް ސައުދީ ސަރުކާރުން ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ "ސަން"އަށް މިރޭ ވިދާޅުވީ އައިއެންއައިއޭގައި ތަރައްގީ ކުރާ އާ ޓާމިނަލް އެޅުމަށް ލުއި ލޯނެއް ދިނުމަށް ސައުދީ އިން ނިންމުމުން، އެ ލޯނުގެ "ޓާމް"ތައް ފިނޭންސް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ސައުދީން ސަރުކާރުން ދޭން އެއްބަސްވި ލޯނުގެ ތަފްސީލެއް ޝައިނީ ވިދާޅެއް ނުވި އެވެ.

އޭނާ ވިދާޅުވީ އައިއެންއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއަށް ސައުދީން 340 މިލިއަން ޑޮލަރުގެ ލޯނެއް ލިބޭނެ ކަމަށް އަންދާޒާ ކުރާ ކަމަށާއި އެ ލޯނަށް ކުޑަ އިންޓަރެސްޓެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވެފައި ވަނީ ހަމައެކަނި ޓާމިނަލް އަޅަން ހަރަދުވާނެ ކަމަށް އަންދާޒާ ކުރި 400 މިލިއަން ޑޮލަރުގެ ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ. އެ އަދަދު ދެ ގުނަވެގެން ދަނީ ސަރުކާރުން އަލަށް އެކުލަވާލާފައިވާ އައިއެންއައިއޭގެ މާސްޓަ ޕްލޭންގެ ދަށުން އެއާޕޯޓްގެ ޓާމިނަލާ އެކު އެހެން ވަސީލަތްތައް ވެސް ތަރައްގީ ކުރަން ޖެހޭތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އާ ރަންވޭއަކާއި އާ ޓާމިނަލަކާ އެކު ތަރައްގީ ކުރާ އައިއެންއައިއޭގެ ކުރެހުމެއް-- ސަން ފައިލް ފޮޓޯ

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ހިއްކި ބިމުގައި ތަރައްގީ ކުރާ "ޔޫތު ސިޓީ"ގެ މަޝްރޫއަށް 80 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދިނުމަށް ވެސް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

އެ ލޯނުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ފިނޭންސް މިނިސްޓްރީގައި މާދަމާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝައިނީ ވިދާޅުވި ގޮތުގައި އެ ލޯނު ދައްކައި ހަލާސް ކުރަން ޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓް މާދަމާ ފިނޭންސް މިނިސްޓްރީގައި ބާއްވާ ރަސްމިއްޔާތުގައި މީޑިއާއަށް ހިއްސާ ކުރައްވާނެ އެވެ.

ސައުދީ ސަރުކާރުން މި އަހަރުގެ ކުރީކޮޅު ބަޖެޓް ސްޕޯޓުގެ ގޮތުގައި 20 މިލިއަން ޑޮލަރު ވަނީ ރާއްޖެ އަށް ދީފަ އެވެ. އަދި ސަރުކާރުން ރާވާފައިވާ އިގުތިސާދީ މަޝްރޫއުތަކުގެ އިތުރުން އައިހެވަން މަޝްރޫއުއަށް ސައުދީ ސަރުކާރުން ވަނީ ދެ މިލިއަން ޑޮލަރު ރާއްޖެއަށް ދީފަ އެވެ.