މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކ. ހިންމަފުށީ އައްސޭރި ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އދ. ދަނގެތި ރަށު ކައުންސިލަށް ކުރިމަތިލި އެ ރަށު ކާމިނީގޭ، އަހުމަދު އަބްދުއްސަމަދު ދައުވާ ކުރި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ހިންމަފުށީ ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ދަނގެތީ ރަށު ކައުންސިލަށް ވޯޓުލާން ޖެހޭ މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް އިން ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު ދަނގެތީ ރަށު ކައުންސިލަށް ވޯޓުލާންޖެހޭ މީހަކު އެ ފޮއްޓަށް ވޯޓުލާފައިނުވާ ކަމަށް ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ދައުވާ ކުރި އަބްދުއްސަމަދުކޮށްފައިވާ ޝަކުވާ އާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ހިންމަފުށީ ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ހާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ފަދަ ހާލަތެއް އައިސްފައިވާ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލްގެ ގަވާއިދަށް ރިއާޔަތްކޮށް އެ ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި އެ ވޯޓުތައް އަލުން ގުނުމަށް އަމުރު ކުރާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"...ކ.ހިންމަފުށީ އައްސޭރި ޖަލުގައި ބަހައްޓާފައިހުރި W07.1.1 ނަންބަރު ވޯޓު ފޮށީގެ ހާއްސަ ސެކިއުރިޓީ އުރަ ކަނޑައި އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ބުނެވެދިޔަ ގަވާއިދުގެ 34 ވަނަ މާއްދާ އާއި 35 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލު ކުރުމަށް އަންގާ ހުކުމްކޮށްފީމެވެ،" އެ ހުކުމުގައި ބުނެފައިވެ އެވެ.