އިންޑިއާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް އިންޑިއާ ހައިކޮމިޝަނުން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން "އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖް"ގެ ނަމުގައި ބޭއްވި ކެއްކުމުގެ މުބާރާތް ނިންމާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އާއި ހޮޓެލް ޖެންއާއި ގުޅިގެން ހައިކޮމިޝަނުން ބޭއްވި އެ މުބާރާތުގެ ގްރޭންޑް ފައިނަލް މިއަދު ހަވީރު ބޭއްވީ ހޮޓެލް ޖެންގެ އަޒޫރް ރެސްޓޯރެންޓްގަ އެވެ. ފައިނަލަށް ދިޔަ ހަތަރު ބައިވެރިންގެ މެދުގައި ބޭއްވި ގްރޭންޑް ފިނާލޭ ކާމިޔާބުކޮށް މުބާރާތުގެ އެއްވަނަ ހޯދީ އާމިނަތު ޢަބުދުއް ރަޝީދު އެވެ. އަދި އޭނާއާއި އެންމެ ކައިރިން ވާދަކުރީ އާމިނަތު މައިޝާއެވެ.

އިންޑިއާ ސަފީރު ރާޖީވް ޝަހާރޭ އާމިނަތަށް އިނާމު ދެއްވަނީ.

މުބާރާތުން އެއްވަނަ ހޯދި އާމިނަތު ޢަބުދުއްރަޝީދަށް ދިން އިނާމުތަކުގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުން ހުށަހެޅި 15000 ރުފިޔާ އާއި ތާޖް އެކްޒޯޓިކާ އިން ހުށަހެޅި ތާޖް އެކްޒޯޓިކާ ރިޒޯޓްގައި ދެ މީހަކު ދެ ދުވަސް ހޭދަކުރުމުގެ ފުރުސަތާއި އިންޑިއާ އަށް ދަތުރުކުރުމަށް މޯލްޑިވިއަން އިން ދިން ދެކޮޅު ދެމީހެއްގެ ދެކޮޅު ޓިކެޓް ހިމެނެ އެވެ. އަދި އޭގެ އިތުރުން ހޮޓެލް ޖެން އިން ހުށަހެޅި ހަމީހެއްގެ ރޭގަނޑުގެ ކެއުން ވެސް އިނާމުތަކުގެ ތެރޭގައި ހިމެނެ އެވެ.

'އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖް 2015ގެ ވަނަތައް ކާމިޔާބު ކުރި ބައިވެރިންނާއި މިއަދުގެ ހަފުލާގައި ބައިވެރިވެޑައިގެންނެވި އިއްޒަތް ތެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން.

ދެވަނަ އަށް ދިޔަ މައިޝާ އަށް ދިން އިނާމުތަކުގެ ތެރޭގައި 10000 ރުފިޔާގެ ފައިސާގެ އިނާމާއި ތާޖް އެގްޒޯޓިކާގައި ދެ މީހަކު ދެ ދުވަސް ހޭދަކުރުމުގެ ފުރުސަތާއި ހޮޓެލް ޖެން އިން ހުށަހެޅި ހަތަރު މީހެއްގެ ރޭގަނޑުގެ ކެއުން ހިމެނެ އެވެ.

ސްޕައިސްރޫޓް ޗެލެންޖް ނިންމުމުގެ ހަފުލާގައި އިންޑިއާ ސަފީރު ރާޖީވް ޝަހާރޭ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ލަތީފާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ އެކްޓިން ޑީންއާއި ހޮޓެލް ޖެންގެ ޖެނެރަލް މެނޭޖަރު ވަސަލާ ބައިވެރިވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި ތިއްބަވާ ބައެއް އެހެން ގައުމުތަކުގެ ސަފީރުން ވެސް އެހަފުލާގައި ބައިވެރިވަޑައިގެންނެވި އެވެ. އެބޭފުޅުންގެ ތެރޭގައި ޗައިނާ ސަފީރު ވާން ފޫކާން ހިމެނިވަޑައިގަންނަވަ އެވެ.