14 Sep 2015, 09:11
ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ދިމާވެފައިވާ ހިތާމައެއްގެ ސަބަބުން އެކަމެއްގެ ތެރޭގައި އިންސާނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލާޢީ މަންޒަރު ފެނެ އެވެ. ލޯބިވެރިޔާ ގެއްލުމުން، އާއިލާގެ މީހަކު ގެއްލުމުން ނުވަތަ އެހެންބޮޑު ކަމެއް ދިމާވުމުންނެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތްކަމަށް ވިސްނި، ދިރިއުޅުމުގެ ފުން ވަޅުގަނޑަކަށް އަމިއްލައަށް ފުންމާލަ އެވެ.
އާންމުކޮށް ސްޓްރެސްވާ ވަރަށް ވުރެ ބޮޑު ސްޓްރެސްއެއް ނުވަތަ "މެޑިކަލް ލެންގުއޭޖް"އިން ނަމަ "ޓްރައުމާ ސްޓްރެސް" އިން މީހާގެ މުޅި ދުވަސް ގެއްލޭ ފަދަ ކަންކަމާ އޭނާ ކުރިމަތި ކުރުވަ އެވެ. އެގޮތުން ޑިޕްރެޝަން އާއި ހަނދާނެތުމާއި ކަންކަމުގައި ޝައުގުވެރިކަން ކުޑަވުމާއި، ހާސްވުމާއި، ގޭހުގެ މައްސަލަތައް ދިމާވެ ބަނޑުގައި ރިއްސުމާއި ކޮންމެ ވަގުތެއްގައި ވެސް ނިދިއައުމާއި، ބޮލުގައިރިއްސުމާއި ސިނގުރުޅި އައުމާއި ފިނިއެއްޗެހި ބޭނުންކުރަން އުނދަގޫވެ އެވެ. މިކަންކަން ދިމާވާނަމަ މަޑުން "ގަނބުއަރާފައި" އިނދެވޭގޮތް މެދުވެރިވެ އެވެ. ނަމަވެސް މިފަދަ ކަންކަމުން ދުރުވެގަތުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.
* ސްޓްރެސްވާން ޖެހުނު ސަބަބު އަމިއްލައަށް ހޯދައި އެކަން ގަބޫލުކުރާށެވެ.
މި ޕޮއިންޓްގައި އިސްކަންދޭންވީ ވެ ނިމިފައި އޮތް ކަންތައްތަކަށެވެ. މިސާލަކަށް އާއިލާގެ ނުވަތަ ގާތްތިމާގެ ހެޔޮއެދޭ ރައްޓެއްސެއް ނިޔާވީ އެވެ. ނުވަތަ "ލޯބީގެ ކަނޑަކަށް ގަންބާލި" ލޯބީގެ ގުޅުމެއް ނެތިދިޔައީ އެވެ. ލޯބިވެރިޔާ ވަކިވީ އެވެ. އެހިސާބުން ދިރިއުޅުމަށް ބޮޑު ތޫފާނެއް ކުރިމަތިވެ އެތަކެއް ގެއްލުންތަކަކާ ކުރިމަތިވީ ކަމަށް އަމިއްލަ ސިކުނޑިއަށް ގަބޫލުކުރެވެން ފެށީ އެވެ. ނަމަވެސް ހަގީގަތް ގަބޫލުކުރާށެވެ. އެއީ ތަގުދީރުގައި ލިޔެވިފައިވާ ގޮތްކަން ގަބޫލުކުރާށެވެ. ވާންހުރި ގޮތްކަން އަމިއްލައަށް ގަބޫލުކުރާށެވެ. އެކަން ވިސްނޭތޯ މަސައްކަތް ކުރާށެވެ. ކޮންމެ ފެށުމަކަށް ނިމުމެއް އަންނާނެކަން ހަނދާންކުރާށެވެ. އާފެށުމަކުން ފަށާށެވެ. އެހެންނޫން ނަމަ މީހާ ސްޓްރެސްވެ، ގޮތް ހުސްވެ، ކުރިއަށްދާނެ ގޮތެއް ނެތި އަމިއްލައަށް ހަލާކުވެގެންދެ އެވެ.
* ކުރިމަތިވީ ހިތާމައިގެ މިންވަރު ނުވަތަ "އިމޯޝަންސް" އަމިއްލައަށް އިހުސާސްކޮށްލާށެވެ.
ހިތާމައެއް ކުރިމަތިވެއްޖެ އެވެ. އެހެންވެއްޖެ ނަމަ ރުޅިގަދަވުމާއި ކަންކަން އޮޅުންބޮޅުން އެރުމާއި ދެރަ އިހުސާސްވާނެ އެވެ. އަމިއްލައަށް ހުރެ ހީލުން އުނދަގޫވާނެ އެވެ. ނަމަވެސް އެކަނި ތަނެއްގައި އިނދެ ތިމާމީހާ ތިހުރީ ކޮންހަރުފަތެއްގައި ކަން ވިސްނާށެވެ. އަމިއްލައަށް ނުވާނަމަ އިތުބާރުކުރެވޭ މީހަކާ ވާހަކަތައް ހިއްސާކޮށްލާށެވެ. ދެރަވެފައި ތިހުރި މިންވަރު އޭނާ އަށް ހިއްސާކޮށް ހިޔާލެއް ހޯދާށެވެ. ނަމަވެސް އެވަގުތުގައި ވެސް "އޯވާ އިމޯޝަންސް" ވާނަމަ އެއީ މައްސަލައެކެވެ. ކުރިމަތިވެފައިވާ ޖަޒުބާތުތަކާއި ހަނގުރާމަ ކުރެވެން ޖެހޭނެ އެވެ. އެއަށް ފަހު މިވަރުގެ ހިތާމައެއްގައި ތިމާމީހާ ހުންނަން ނުޖެހޭކަން ވިސްނިގެން އެހެންމަގެއް ހޯދާށެވެ.
* އެހީއެއްދީ ތިމާގެ އަތުގައި ހިފުމަށް އެހެން މީހެއްގާތުގައި އެދޭށެވެ.
ކުރިން ބުނިހެން ތިމާހުރި ހަރުފަތް އަމިއްލައަށް އިހުސާސް ކޮށްލެވިއްޖެ ހެއްޔެވެ؟ ސްޓްރެސްވާން ޖެހުނު ސަބަބު ހޯދިއްޖެ ހެއްޔެވެ؟ އެހެންނަމަ ތިއޮތީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައި ވެސް އެހެންމީހުންގެ އެހީއަށް ބޭނުންވެ އެވެ. ހިޔާލުތައް ހޯދުން އެކަންޏެއްނޫނެވެ. ތަފާތު ގޮތްގޮތަށެވެ. މިސާލަކަށް އޮފީހުގެ މަސައްކަތުން ދުރުވެލުމަށް ވެރިންގާތުގައި އެދޭށެވެ. ފްރީވެލަން ބޭނުންކަމަށް ބުނެލާށެވެ. ނަމަވެސް ސަބަބުތައް ހިއްސާކުރަން ނަހަދާށެވެ. ކުރިން ކުރިމަތިވި "އިމޯޝަންސް" ތައް އަނެއްކާ ވެސް ހަށީގަނޑަށް ވެރިވެގަންނާނެ އެވެ. ރައްޓެހިންނާ އެކު ނުވަތަ އާއިލާއާ އެކު މަޖާކޮށްލަންދާން ރާވާލާށެވެ. ދަތުރެއްނަމަވެސް ފައްކާވާނެ އެވެ. ސަބަބު ހިއްސާނުކޮށެވެ. މަޖުބޫރު ހާލަތެއްގައި އެމީހުން މަލާމާތް ނުކުރާނެކަން ޔަގީންނަމަ ހިއްސާކޮށްލާށެވެ. އެހީއެއް ހޯދަން އެދޭ މީހެއް ގާތުން ބޭނުންވަނީ ކޮންކަހަލަ އެހީއެއްކަން ފުރަތަމަ ވިސްނާލުން މުހިންމެވެ.
* ކައުންސެލާއެއް ނުވަތަ ސިއްހީ މާހިރަކާ ވާހަކަދައްކާލާށެވެ.
ބައެއްފަހަރު ރައްޓެއްސަކާ ނުވަތަ ގާތްތިމާގެ މީހަކާވެސް ހިއްސާކުރަން ބޭނުންވާ ވާހަކައެއް ހިއްސާ ނުކުރެވޭތަން އާދެއެވެ. ބުނަން ޖެހިލުންވުން ނުވަތަ ލަދުގަންނަންޖެހޭ ދަނޑުވަޅުތައް އާދެއެވެ. ނަމަވެސް ސިއްހީ ދާއިރާގެ މާހިރަކާ އެފަދަ ހާލަތްތަކުގައި ބުނަންއުޅޭ ވާހަކަތައް ބުނެވެ އެވެ. އެއީ މައްސަލައެއް ނޫނެވެ. ސަބަބުތަކެއް ވެސް އޮވެދާނެ އެވެ. ކައުންސެލިން ދޭ މީހުންނަކީ ތިފަދަ މީހުންގެ ހާލަތްތައް ފުރިހަމައަށް އެނގި ދެނެގަނެވޭނެ މީހުންނެވެ. އެފަދަ މީހެއްގެ ބަހުން ވެސް އިތުރު ހިތްވަރެއް ލިބި، "ނޯމަލް ލައިފެއް" އުޅެން ތިމާ މީހާއަށް ފުރުސަތު ލިބޭނެ އެވެ.
* ވިސްނުމާ ދުރުވެގަތުމަށް އަމިއްލަ ނަފްސަށް ވަގުތުދޭށެވެ.
ބޮޑު ސްޓްރެސްއަކާ ހަނގުރާމަކުރާ ނަމަ ކޮންމެ މީހަކު ވެސް އެކަމުން ދުރުވެ "ނޯމަލް ލައިފް" އެއް އުޅެން ބޭނުންވާނެ އެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ތިމާ ހަމަ ބޭނުންވާއިރަށް އެފަދަ ވިސްނުންތައް ނުވަތަ ސްޓްރެސް ތިމާމީހާގެ ސިކުނޑިން ނުދާނެކަން ހަނދާންކުރާށެވެ. އެކަން ހަނދާން ނެތިއްޖެ ނަމަ މީގެ ގެއްލުން ދައްކާނެ އެވެ. ރުޅިގަދަވުން ކަހަލަ ނޭދެވޭ އަސަރުތައް ކުރާނެ އެވެ. ބޮޑުކަމެއްގެ ހަނދާނަކީ ގިނަ ދުވަހަށް ދެމިގެންދާނެ ހަނދާންތަކެވެ. ނަމަވެސް އެ ހިޔާލުތައް ނުވަތަ ވިސްނުންތަކުން ތިމާއަށް ކުރާ އަސަރުން ދުރުވެވިދާނެ އެވެ. އެކަމަށް ވަގުތުވެސް ނަގާނެ އެވެ. އެހެންކަމުން އެ ވަގުތު އަމިއްކަ ނަފްސަށް ކެއްތެރިކަމާ އެކު ދޭށެވެ.
* އަލުން އާ ދިރިއުޅުމަކާ ދިމާލަށް މިސްރާބުޖަހައި އަޒުމް ވަރުގަދަކޮށްލާށެވެ.
ބައެއް ފަހަރު މާ ފްރީކޮށް ހުރުމަކީ ބައެއް މީހުންނަށް ސްޓްރެސްވާން ދިމާވާ ސަބަބެކެވެ. އަނެއްބައި މީހުންނަކީ ސްޓްރެސްވާނަމަ އަބަދު ނިދަން ބޭނުންވާ މީހުންނެވެ. އެގޮތަށް ނިދާހިތް ވުމަކީ އެއީ ސްޓްރެސްގެ ސަބަބުން ކުރުވާ ނޭދެވޭ އަސަރެއްކަން ހަނދާންކުރާށެވެ. އެހެންކަމުން އެކަމަށް ޖާގަނުދޭށެވެ. އާޚިރު ނަތީޖާ މާބޮޑަށް ހިތިވާނެ އެވެ. މިސާލަކަށް އުޅޭހިތްވާކަހަލަ ވަޒީފާއެއް ހޯދާށެވެ. އެކަމުގައި މަސްއޫލުވެ އާ ރައްޓެހިން ހޯދައި ގުޅުން ބަދަހިކޮށް ދިރިއުޅުމުގެ "ސްޓައިލް" ބަދަލުކޮށްލެވިދާނެ އެވެ.
މިގޮތަށް ދިރިއުޅުން ބަދަލުކޮށްލާ ފުރަތަމަކޮޅު އުނދަގޫތަކާ ކުރިމަތިވާނެ އެވެ. އެހެންވެސްޖެ ނަމަ ރައްޓެއްސެއް ހޯދާށެވެ. އެކި ކަންކަމުގައި އެހީތެރިވެދޭނެ ފަދަ އިހުލާސްތެރި މީހެކެވެ. އޭނަޔާއެކު ބޭރަށްދާށެވެ. އެކީގައި ކާށެވެ. އަނބިމީހާ ނުވަތަ އާއިލާމީހެއް ވަކިވެއްޖެ ނަމަ މި ދަނޑުވަޅުގައި ތިމާއަށް އޯގާތެރި ހެޔޮ ހިތެއްގެ ވެރިއެއް ހޯދާށެވެ. އެހެންވެއްޖެ ނަމަ ތިމާގެ ދިރިއުޅުން ބަދަލުކޮށްލުމަކީ އުނދަގޫކަމަކަށް ނުވާނެ އެވެ. ގެއްލުނުމީހާ ގެއްލުނީ އެވެ. އޭނައެއް ދެން ނާންނާނެކަން ހަނދާންކޮށް އެކަމުން އިބުރަތެއް ލިބިގަންނާށެވެ. ހިތްވަރާ އެކު ދިރިއުޅުމުގައި އާސޮފްހާގައި ރީތި ވާހަކަތަކެއް ލިޔަން ފަށާށެވެ. އަޑިގަނޑުން އަރައިގަންނާށެވެ. ދުނިޔޭގެ އަލި ފެންނާނީ އޭރުންނެވެ.