14 Sep 2015, 09:23
ހާސްވުމާއި ކަންބޮޑުވުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން އަމިއްލައަށް އުފައްދާ ނަފްސާނީ ދުޅަހެޔޮކަމުގެ ފައުންޑޭޝަން އަންނަ މަހުގެ ތެރޭގައި ލޯންޗު ކުރާނެ ކަމަށް ދީޕިކާ ބުނެފި އެވެ.
ޑިޕްރެޝަންގެ ޝިކާރައަކަށްވި ދީފިކާ ބުނިގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ހާއްސަ އެ ފައުންޑޭޝަން ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެންނެވެ.
"ފައުންޑޭޝަން ލޯންޗުކުރަން ހަމަޖެހިފައިވަނީ އަންނަ މަހު. އަދި 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސްކަމުން އެދުވަހަކީ ރަސްމީކޮށް ފައުންޑޭޝަން ހުޅުވަން ވިސްނާ ދުވަސް،" ހުކުރު ދުވަހު އޮތް ރަސްމިއްޔާތެއްގައި މީޑިއާއާ ވާހަކަދައްކަމުން ދީޕިކާ ބުންޏެވެ.
ނަމަވެސް، "ލިވް ލަވް ލާފް" ގެ ނަންދީފައިވާ އެ ފައުންޑޭޝަނުން ކުރިއަށް ރާވާފައި ހުރި ކަންތައްތަކާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ދީޕިކާ ވަނީ ދެކޮޅު ހަދާފައެވެ.
"ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ފައުންޑޭޝަނުން ކުރަން ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން ބައްދަލުވާ އެހެން ފަހަރަކުން ވާހަކަދައްކާނީ،" ޕިކޫގެ އެކްޓްރެސް ބުނެފައިވެ އެވެ.
ހާސްވުމާއި ކަންބޮޑުވުމާ ދެކޮޅަށް މީގެ ކުރިން، ކުރި މަސައްކަތުގެ ސަބަބުން ހިތްވަރު ލިބި، އިންޑިއާގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަށް އިންސްޓިޓިއުޓެއް ގާއިމްކުރާނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އޭނާ ވަނީ ފައުންޑޭޝަންގެ ލޯގޯ ޓްވީޓާގައި ލޯންޗުކޮށްފަ އެވެ.
މައުލޫމާތު: އިންޑިއާގެ ނޫސް އެޖެންސީތައް