19 Mar 2011, 15:40
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކުރެއްވި ފަދަ މަސައްކަތެއް 2013 ވަނަ އަހަރުގައި އެހެން ބަޔަކު ވެރިކަމަށް ގެނައުމަށް ނުކުރައްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް މިއަދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކުރިމަތީގައި އޭނާގެ އަގުވެއްޓި ރައްޔިތުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ރައްދު ވަމުން ދާ ކަމަށެވެ. އަދި ވެސް އެ ބަދުނާމުތަކުން ސަލާމަތް ވެވަޑައިނުގެންނެވޭ ކަމަށާއި އެ ފަދަ ތަޖުރިބާއެއް އަލުން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ގާސިމް ވެސް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނަންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެކަމާ މެދު އަދި ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަން. އެކަން ނިންމާނީ ޕާޓީން،" ޖުމުހޫރީ ޕާޓީ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ޚިޔާލު ހުރި ގޮތުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް މީހެއްގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. މިހާރު މި އޮންނަ ގޮތުން ރަނިން މޭޓު ނުވަތަ ނައިބު ރައީސް އެއީ މީހަކު ބުނި ގޮތެއް ހެދިގެން، މީހަކު ބުނި ކަމެއް ކޮށްލައިގެން ހުރުން ފިޔަވައި އެހެން ކަމެއް އޮތް މަގާމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޑީއާރްޕީގެ ނައިބު ލީޑަރު ކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު އެ މަގާމުން ވަކި ކުރަން ޕާޓީގެ ކައުންސިލުން ނިންމި މައްސަލައާ ގުޅޭ ގޮތުން ވެސް ގާސިމް ވަނީ ސަން އަށް ދެއްވި އިންޓަވިއުގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައިވެ އެވެ. ގާސިމް ވިދާޅުވީ، ނައިބު ލީޑަރު ކަމުން އުމަރު ނަސީރު ވަކި ކުރުމުގެ މައްސަލައިގައި އެ ޕާޓީގެ ޒައީމް ރައީސް މައުމޫނުގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ކަމަށެވެ.
"އެ މައްސަލައިގައި ޒައީމް އެ ވިދާޅުވަނީ ރަނގަޅަށް. އެއީ އެކަން އޮތް ގޮތް. ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާއި ޚިލާފު ކަމެއް ނުކުރެވޭނެ. ޑީއާރްޕީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ނައިބު ލީޑަރަކު އެ މަގާމުން ވަކި ކުރެވޭނީ ޖެނެރަލް އެސެމްބްލީ އަކުން،" ޑީއާރްޕީގެ ނައިބު ޒައީމް ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގައި ވަކި ގޮތަކަށް ބަޔާން ކޮށްފައިވާ ކަމެއްގައި އެކަން އެހެން ގޮތަކަށް ނިންމުމުގެ ބާރެއް ޕާޓީގެ ކައުންސިލަށް ވެސް އަދި ސުލޫކީ ކަން ކަމާ ބެހޭ ކޮމެޓީ އަށް ވެސް ލިބިގެން ނުވާނެ ކަމަށެވެ.
މިހާރު ޑީއާރްޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމަށް ބަލާ އިރު، އެއްވެސް ފެކްޝަނަކާ ގުޅިވަޑައިގެންފާނަންތޯ ދެންނެވުމުން ވިދާޅުވީ ހުރިހާ ބޭފުޅުންނަކީ ވެސް ގާތް ބޭފުޅުން ކަމަށާއި ގުޅުން ބާއްވަވާނެ ކަމަށެވެ. އަދި ހުރިހާ ދިމާ އަކުން ވެސް ހުށަހެޅުންތައް ލިބިވަޑައިގަންނަވާ ކަމަށާއި އެއަށް ގޮތެއް ނުނިންމަވާ ކަމަށެވެ.
ޒައީމް މައުމޫނުގެ ކޮއްކޯފުޅު ޔާމީނާ ގުޅިވަޑައިގެން ރިޔާސީ ރޭހަށް ނުކުންނަވައިފާނަންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެކަމާ މެދު އަދި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ވިސްނުމަކީ ރަނިންމޭޓެއްގެ ގޮތުގައި ނުނިކުންނެވުން ކަމަށް ވެފައި ޔާމީނު ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާތީ އެއީ ކިހިނެއް ކުރެވޭނެ ކަމެއްތޯ ގާސިމް ސުވާލު ކުރެއްވި އެވެ. އެހެން ނަމަވެސް ޔާމީނާ ގުޅުން މިހާރު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ، މިހާރު ވިސްނުން ހުރި ގޮތުން ރަނިން މޭޓެއްގެ ގޮތުގައި ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވިޔަސް އަދި 2008 ވަނަ އަހަރުގެ މަސައްކަތް ކުރެއްވި ގޮތަށް ވަކި މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ހާލަތާ ގުޅިގެން އެކަން ބަދަލު ނުވާނެ ކަމަށް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ކަމުގައި ރައްޔިތުންނަށް ފައިދާއެއް ވާނެ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލު ކުރެއްވޭ ނަމަ އެ ގޮތަކަށް ވިސްނުން ބަދަލުކުރެއްވުމަކީ ނެތް ކަމެއް ނޫން ކަމަށެވެ.