ވިޔަފާރި އާއި އިގްތިސޯދީ ދާއިރާގައި އަންހެނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ޖެންޑާ މިނިސްޓްރީން އިސްނަގައިގެން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ފަށައިފި އެވެ.

އެގޮތުން އެ މަސައްކަތްތަކުގެ ދަށުން މިއަދު ވަނީ ގދ. ރަށްރަށުގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ވިޔަފާރި އާއި އިގްތިސާދަށް އަންހެނުންގެ ހުނަރު އިތުރުކުރުމުގެ މަގްސަދުގައި މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް ފަށާފަ އެވެ. އެ ބައްދަލުވުން މިއަދު ބޭއްވީ ގދ. ތިނަދޫގަ އެވެ.

އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތިނަދޫ އުތުރުދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ މަސައްކަތު ބައްދަލުވުމުގައި ގދ. ގެ ހުރިހާ ރަށެއް ޝާމިލުވާގޮތަށް 31 އަންހެނުން ބައިވެރިވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ތިންދުވަސް ހާއްސަކުރެވިފައި ވަނީ ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދިނުމާއި، އިކޮނޮމިކް މިނިސްޓްރީން ތިނަދޫގައި ގާއިމްކޮށްފައިވާ ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓާގެ އެހީގައި ވިޔަފާރި ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

އެ ބައްދަލުވުމުގެ ފަހު ދެ ދުވަސް އަމާޒުކޮށްފައި ވަނީ ދިވެހިރާއްޖޭގެ އަންހެނުންގެ މިހާރުގެ ހާލަތާއިބެހޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އެހެނިހެން ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ސެޝަންތަކެއް ބޭއްވުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ އަދި ގޯނާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނަށް ހޭލުންތެރިކުރާނެ ކަމަށެވެ.

އެ ބައްދަލުވުމުގެ ފަހު ދެދުވަހުގެ ސެޝަންތައް ކުރިއަށްދާނީ އާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.