13 Sep 2015, 16:40
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 35 މިލިއަން ޑޮލަރުގެ ބޮންޑުވިއްކައިފި އެވެ.
އެސްޓީއޯ އިން ބުނީ އެ އަދަކަށް ބޮންޑު ވިއްކީ އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫ ތަރައްގީ ކުރަން ކަމަށެވެ.
މޫނުމަތީ އަގަކަށް 1000 ޑޮލަރުގެ ރޭޓުން ވިއްކި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 5.25 ޕަސެންޓެވެ. ބޮންޑު ވިއްކާފައި ވަނީ ދެ އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު އަށް އަހަރުގެ މުއްދަށެވެ. ދެ އަހަރުގެ ތެރޭގައި ބޮންޑް ގަންނަ ފަރާތަށް އިންޓްރެސްޓެއް ނުދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެހެންނަމަވެސް އޭގެ ފަހުން އަންނަ ހަ އަހަރު އިންޓްރެސްޓް ދޭނެ އެވެ.
އެސްޓީއޯ އިން ބުނީ އެ ބޮންޑުވިއްކާފައި ވަނީ ބެންކްތަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ބެންކްތަކެއް ކަމެއް ނުބުނެ އެވެ.
އެސްޓީއޯ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ސަން އަށް ވިދާޅުވީ، ފުނަދޫގެ ތެޔޮ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަކީ އެ ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓް ކަމަށެވެ. އެގޮތުން މުޅި ފުނަދޫގެ ޕެޓްރޯލް އަދި ޑީސަލް ރައްކާކުރާ މިންވަރު އިތުރުކުރާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ. އޭގެ އިތުރުން 20،000 ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެއް އެ ޕްރޮޖެކްޓްގެ ތެރެއިން އެސްޓީއޯ އަށް ހޯދާނެކަމަށް ޝަހީރު ވިދާޅުވި އެވެ.