ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން ދަރިފުޅުގެ އިވުން ގެއްލިފައިވާ ކަމަށް ބުނެ ގދ. ފަރެސް، ހަނދުވަރީގޭ އަހުމަދު އިހުސާން ކުރި ދައުވާ ސާބިތު ނުވާކަމަށް ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހެލްތާ ދެކޮޅަށް 2008 ވަނަ އަހަރު އިހުސާން ދައުވާކޮށްފައި ވަނީ އޭނާގެ ދަރިފުޅު އައިޝަތު އިޔާން އިހުސާން ތިނަދޫ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުން ދިން ބޭހުގެ ސަބަބުން އެކުއްޖާގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅަށް ޖެންޓަމައިސިން ކިޔާ އިންޖެކްޝަނެއް ދީފައިވަނީ އޭގެން ކުރާ ސައިޑް އިފެކްޓްސް އާއި ޕަވަރ އެނގި ހުރެ ކަމަށެވެ.

އެކަމުގެ ސަބަބުން ލިބިނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ހޯދުމަށް އިހުސާނު ވަނީ ދައުވާކޮށްފަ އެވެ. އެމައްސަލާގައި މަދަނީ ކޯޓުން ހުކުމް ކޮށްފައި ވަނީ އިންޖެކްޝަނުގެ ސަބަބުން އިހުސާނުގެ ދަރިފުޅުގެ އިވުން ގެއްލުނު ކަމަށް ބެލެވެން ނެތް ކަމަށެވެ.

ކުރީގެ މަދަނީ ކޯޓުގެ އެހުކުމަށް ތާއީދުކޯށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އިންޖެކްޝަނުގެ ސަބަބުން ކުއްޖާގެ އިވުން ގެއްލުނު ނަމަވެސް އެއީ ޑޮކްޓަރުގެ އިހުމާލުން ވީކަމެއް ކަން ބެލެވެން ނެތް ކަމަށެވެ.

އަދި ދޭ ބޭހެއްގެ ހުރިހާ ސައިޑް އިފެންކްޓްސްތަށް ބަލިމީހާއަށް ކިޔައިދޭން ޖެހޭ އެއްވެސް އުސޫލެއް ނެތް ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެކުއްޖާއަށް ދީފައިވާ ބޭސް ދީފައި ވަނީ އުސޫލުތަކާއި އެއްގޮތަށްކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

އަދި ދަރިފުޅުގެ އިވުން ގެއްލުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ހޯދުމަށް އެދިފައިވާ 7.1 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެމައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.