ނިއު ދިއްލީ: އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އާދަޔާ ޚިލާފަށް ޑެންގީ ފެތުރެމުންދާކަމަށް އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

އިންޑިއާގެ އެންޑީޓީވީން ބުނީ، ފާއިތުވި ފަސް އަހަރުތެރޭ ޑެންގީ ޖެހުނު މީހުންނަށް ވުރެ ގިނައިން މިއަހަރު ތެރޭ ދިއްލީގައި ޑެންގީ ޖެހިގެން ރެކޯޑްކުރެވިފައިވާ އަދަދު އިތުރު ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1259 ކޭސް ރެކޯޑުކުރެވިފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އެންޑީޓީވީން ބުންޏެވެ.

ޑެންގީ ޖެހިގެން ދިއްލީގެ ހޮސްޕިޓަލަކަށް ގެންދިޔަ ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެޑްމިޓްކުރަން އެތަނުން އެދޮޅުހަދާފައި ވަނިކޮށް އެކުއްޖާ މަރުވި ހާދިސާއަކަށް ފަހު އެކުއްޖާގެ މައިންބައިފައިން އަމިއްލައަށް މަރުވި ހާދިސާއަކާ ގުޅިގެން ދިއްލީ ސަރުކާރުން ވަނީ، އެތަނުގެ ފަސް ހޮސްޕިޓަލަކަށް ނޯޓިސްވެސް ފޮނުވައިފައެވެ.

"ޑެންގީ ޖެހިގެން ދިއްލީގެ ހޮސްޕިޓަލަކަށް ގެންދިޔަ ކުއްޖަކު މަރުވި ހާދިސާއާއި އެއަށްފަހު އެކުއްޖާގެ ބެލެނިވެރީން އަމިއްލައަށް މަރުވި ހާދިސާއެއް މީޑިއާގައި ފެތުރުމާ ގުޅިގެން އެކަމާގުޅޭ ތަހުގީގެއް ހިންގުމަށް އަޅުގަނޑަށް ވަނީ އަންގަވާފައި. މިކަމުގައި ޒިންމާވާ ފަރާތްތައް ދުލެއް ނުކުރާނަން،" ޔޫނިއަން ހެލްތު މިނިސްޓަރު ޖޭޕީ ނައްދާ ވިދާޅުވިއެވެ.

ދިއްލީގެ ހެލްތު މިނިސްޓަރު ސަތުޔެންދަރު ޖައިން ވިދާޅުވީ، ޑެންގީ ޖެހިގެންދާ ފަރާތްތަކަށް ފަރުވާދިނުމަށް ސަރުކާރު ހޮސްޕިޓަލްތަކުގައި 1000 އެނދު އިތުރުކުރުމަށް މިހާރު އަންގަވާފައި ވާކަމަށެވެ.

"ހޮސްޕިޓަލްތަކުން އެގޮތަށް ބަލިމީހުންނަށް ފަރުވާ ދިނުމަށް ދެކޮޅެއް ނުހެދޭނެ،" މިނިސްޓަރު ސަތުޔެންދަރު ވިދާޅުވި އެވެ.

ދިއްލީގެ ލާދޯ ސަރާއީ ސަރަހައްދަށް ނިސްބަތްވާ ދެމަފިރިއަކު މިދިޔަ ހަފްތާގެ ބުދަދުވަހު އެމީހުން ދިރިއުޅޭ ގޭގެ މަތިން ފުންމާލައިގެން މަރުވިކަމަށް ވަނީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ޑެންގީ ޖެހިގެން ދިއްލީގެ އަމިއްލަ ހޮސްޕިޓަލަކަށް ގެންދިއުމުން އެ ހޮސްޕިޓަލުން އެކުއްޖާ އެޑްމިޓްކުރުމަށް ދެކޮޅު ހަދާފައި ވަނިކޮށް ކުއްޖާ މަރުވުމުންނެވެ.