19 Mar 2011, 15:03
ދިއެފްއެމަށް ރައްޔިތުންގެ މަޖިލީހުން ދޫކޮށްފައިވާ ލައިވް ފީޑް ކަނޑާލައި އެ ސްޓޭޝަނުގެ ދެ ނޫސްވެރިޔަކާއި އިސްވެރިޔަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅިގެން މިނިވަން ނޫސްވެރިކަމެއް ކުރާ ފަރާތްތަކުގެ އަޑު ކެނޑި، މިނިވަން ނޫސްވެރިކަމަށް އެކަމުގެ ހިޔަނިއެޅިދާނެތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން [އެމްޖޭއޭ] އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޚަބަރާއި މައުލޫމާތު ފަތުރާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން ދި އެފްއެމް އަށް ދޫކޮށްފައިވާ ލައިވް ފީޑް ކަނޑާލުމަކީ، ޒިންމާދާރު މުއައްސަސާއަކުން ކުރަން ޖެހޭ ފެންވަރުގެ ކަމެއް ކަމަކަށް އެ ޖަމިއްޔާ އިން ނުދެކޭ ކަމަށެވެ. އަދި ލައިވް ފީޑް ކަނޑާލީ، ރަނގަޅަށް މައްސަލަ ބެލުމަށް ފަހުގައިތޯ ސުވާލު އުފެދޭ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
”ޚަބަރުފަތުރާ އިދާރާ އަކުން ފަތުރާ ޚަބަރަކާއި ނުވަތަ މަޢުލޫމާތަކާ ގުޅިގެން އެ ފެތުރި ޚަބަރަކީ ނުވަތަ މަޢުލޫމާތަކީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އިމުގެ ބޭރުން ކޮށްފައިވާ ކަމެއްކަމުގައިވާ ނަމަ، ފިޔަވަޅު އެޅޭނެ ކިތަންމެ އުޞޫލުތަކެއް ހުއްޓައި އެއިން ފަރާތެއް ނުވަތަ ކަމެއްގެ ބޭނުން ކުރެއްވުމަކާ ނުލައި އެފަދަ ފިޔަވަޅެއް އެޅުއްވުމުގެ ފަހަތުގައި އޮތީ ކޮން މަސްލަހަތެއްތޯ ވެސް ސުވާލު އުފެދެ އެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން ބުނެފައި ވަނީ މުޖުތަމައުގައި ކޮރަޕްޝަން އިންޑެކްސް އެތައް ގުނައަކަށް މައްޗަށް ގޮސް، ބާރާއި ނުފޫޒު ބޭނުން ކުރުން ހައްދުން ނެއްޓިފައިވާ ދަނޑިވަޅެއްގައި، އެފަދަ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ އަޑު އުފަލަން ތިބި މިނިވަން ނޫސްވެރިކަމުގެ އަޑުކެނޑި، މިނިވަން ނޫސްވެރިކަމަށް އެކަމުގެ ހިޔަނިއެޅިދާނެތީ ކަންބޮޑުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ ވެސް ދައުލަތުގެ މުއައްސަސާއަކަށް ވާއިރު، ދައުލަތުގެ އެހެން ބާރުތަކުން ކުރާ ކަންކަމުގެ ޚަބަރު ރިޕޯޓު ކުރާ އުޞޫލުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރާ ކަންތައްތަކާއި ދައްކާ ވާހަކަތައް ވެސް ރިޕޯޓުކޮށް، ފާޑުކިޔޭނެ ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްގަކަށްވާ އިރު އެ ޙައްޤު ހިފެހެއްޓުމަށް މަޖިލީހުގެ މެންބަރުން މަސައްކަތް ނުކުރެއްވުމަށް ގޮވާލައިފައިވެ އެވެ.
އެޖަމިއްޔާ އިން ގޮވައިލައިފައި ވަނީ ހުރިހާ ނޫސްވެރިންނާއި ހަބަރު ފަތުރާ ވަސީލަތްތަކުން ވެސް މިނިވަންކަމާ އެކު ޒިންމާދާރުކޮށް، ހަބަރު ފަތުރައި ހިޔާލުފާޅު ކުރުމަށެވެ.