ރާއްޖެއަށް ގެނައުމަށް ޓަކައި އިންޑިއާގެ ބޭޕޯރް ބަނދަރުގައި އޮތް ބާޖަކަށް ބަރުކޮށްފައިވާ ބޮޑު ހިލައިގެ ޝިޕްމަންޓެއް އިންޑިއާ ސަރުކާރުން ހިފަހައްޓައިފި އެވެ.

ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އެ ޝިޕްމަންޓް އިންޑިއާ އިން ބޭރުކުރުން މަނާކުރީ އެއީ ގަވައިދާ ހިލާފަށް ބޭރު ކުރަން އުޅުނު ހިލަތަކަކަށް ވާތީ މައިނިން އެންޑް ޖިއޮލޮޖިކަލް ޑިޕާޓްމަންޓުން ކަމަށެވެ. އެޑިޕާޓްމަންޓްގެ އެޑިޝަނަލް ޑިރެކްޓަރް ސީކޭ ބިޖޫ ބަނދަރަށް ވަޑައިގެން އެބާޖަށް ވަޑައިގެންނެވި ކަމަށާއި އެ ޝިޕްމަންޓް ބޭރު ނުކުރެވޭނެ ކަމަށް އެންގެވީ ވެސް އޭނާ ކަމަށް ނޫހުން ބުންޏެވެ.

ހުއްޓުވާފައިވާ ބާޖްގައި ހުރީ 2500 ޓަނުގެ ހިލަ ކަމަށާއި އެބާޖް ރާއްޖެއަށް ފުރުމަށް ހަމަޖެހިފައި އޮތީ އަންނަ ހަފުތާގައި ކަމަށް ވެސް ނޫހުން ބުންޏެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުން ހިލައާއި ހިލަވެލި ބޭރުކުރުމާ ދެކޮޅަށް އެގައުމުގެ ތިމާވެށި ހިމާޔަތްކުރާ ޖަމާއަތްތަކުން ދަނީ އަޑު އުފުލަމުންނެވެ.

ހިލަ ޝިޕްމަންޓް ރާއްޖެ އަށް ގެންނަން އުޅުނީ ކޮން ކުންފުންޏަކުން ކަމެއް އަދި ނޭނގެ އެވެ.