13 Sep 2015, 13:11
ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހިއްސާ ކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހދ. ކުޅުދުއްފުށީގައި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެމްސީއިން މިއަދު ބުނީ ޔުނިސެފްގެ އެހީގައި މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ ތަމްރީންތަކުގައި ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހާމަ ކުރުމުގެ އުސޫލުތަކާއި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެ ތަމްރީން ސެޝަންގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ 110 ދަރިވަރުންނާއި 84 ބެލެނިވެރިން ބައިވެރިވެފައިވާއިރު އެރަށު އަފީފުއްދީން ސްކޫލުގެ 21 ދަރިވަރުންނާއި 41 ބެލެނިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. އޭގެ އިތުރުން ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި ސިވިލް ސާވިސް މުވައްޒަފުންނަށް އެ ތަމްރީންތައް ބާއްވާފައިވާ ކަމަށް އެމްއެމްސީއިން ބުނެއެވެ.

އެސެޝަންތަކުގެ އިތުރުން މީޑިއާ ކައުންސިލްގެ ޓީމުން ކުޅުދުއްފުށީ އޮންލައިންގެ ނޫސްވެރިންނާ ބައްދަލުކޮށް ނޫސްވެރިކަމަށާއި އެ އޮންލައިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ.