ސައްހަ ނޫން އީމެއިލާއި ކޯލްތަކަށް ސަމާލުވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންނަށް އީމެއިލް އާއި ފޯނު ކޯލްތަކެއް ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ފޮނުވާ އީމެއިލެއްގެ ޒަރިއްޔާއިން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ލޮގިން ޕޭޖާ ވައްތަރު ސައްހަނޫން ވެބް ޕޭޖެއް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އާއި އީމެއިލް އަދި ޕާސްވޯޑްތައް ހިއްސާކުރަން އެދޭ ކަމަށެވެ. އަދި ބައެއް ފަހަރު ފޯނުކޯލަކުން އެ މައުލޫމާތުތައް ހޯދަން މަސައްކަތްކުރާ ކަމަށެވެ.

ކަސްޓަމަރުން އެފަދަ އީމެއިލް އަދި ފޯނުކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ އީމެއިލް އަދި ފޯނުކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ބޭންކުން އިލްތިމާސްކުރެ އެވެ. އަދި ބީއެމްއެލްގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް ނޫން ވެބްޕޭޖެއް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް ލޮގިން ނުވުމަށް އިލްތިމާސްކުރެ އެވެ.

އެ ބޭންކުން ބުނީ "ބީއެމްއެލް އިން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ފަދަ ސިއްރު މައުލޫމާތު ހިއްސާކުރުމަށް ނޭދޭނެކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވަން" ކަމަށެވެ.

އެފަދަ ސައްހަނޫން އީމެއިލްތަކާއި ފޯނު ކޯލްތަކާ ބެހޭގޮތުން ނުވަތަ ބޭންކުގެ އެހެން އެއްވެސް ހިދުމަތަކާބެހޭ މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ނަންބަރު 3330200 އީމެއިލް[email protected]އަދި ފޭސްބުކް އާއި ޓުވިޓާ މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ލިބޭނެކަމަށް އެ ބޭންކުން ބުންޏެވެ.