މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ނ. މިލަދޫ ބައެއްގެ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން އޮޅުވާލި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގދ. މަޑަވެލީ، ކަޝްމީރުވިލާ، އާދަމް ހަލީމްގެ މައްޗަށް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މިލަދޫގެ 10 މީހަކަށް ނޭނގި އެމީހުން ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ފޯމުތަކެއް ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި އެކަން ބެލުމުގައި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ސޮއިތައް އެގްޒެމައިންކޮށްފައިވާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

އާދަމް ހަލީމަކީ އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޓިވް އޮފިސަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އިލެކްޝަންސްގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ވަނީ މޯލްޑިވްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގަ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ ހ. ގެ 12 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން ވޯޓުލުމަށް ދަތިކުރުމާއި ހުރަސް އެޅުމުގެ ކުށުން އާދަމް ހަލީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އާދަމް ހަލީމް އެއް އަހަރުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.