13 Sep 2015, 12:30
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ހުކުރު ދުވަހު ކ. ކާށިދޫ އިން ހައްޔަޔުކޮށްފައި ވަނިކޮށް އެރަށު ޕޮލިސް ސްޓޭޝަނުން ފިލި މީހާ އަލުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެ މީހާ ހައްޔަރު ކުރީ މިއަދު ހެނދުނު 10:35 އެހާކަންހާއިރު ގެއެއްގެ ތެރޭގައި އޮއްވައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، އޭނާ ހައްޔަރުކުރީ ކާށީދޫ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ބޯޓުން ގެނައި ފޮށިގަނޑަކާއި އޭނާ ހަވާލުވިތަނުން ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން އަތުގައި ހުރި މަސްތުވާތަކެތި މޫދަށް އެއްލާލައިފަވާ ކަމަށެވެ. އަދި އޭނާގެ ހާޒިރުގައި އެތަކެތި ފުލުހުން ނެގިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 40 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.