އުރީދޫއިން ކުރިއަށްގެންދިޔަ ބިގް މިލިއަން ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ވަކި ވަރަކަށް އުރީދޫ ނަންބަރުތަކުން ހަރަދުކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް 10 މީހަކަށް 1 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ކޮންމެ މީހަކަށް 100،000 ގެ މަގުންނެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާނުކުރީ އިއްޔެ ދި-ޕްލަސް އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގަ އެވެ.

ނިމިދިޔަ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދިޔަ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 12،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ވަނީ ތަފާތު އިނާމުތަކެއް ލިބިފަ އެވެ. އެގޮތުން އުރީދޫގެ "ބިގް މިލިއަން އޮފާ" ގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަރަށް ޕޮއިންޓް ހާސިލްކުރުމުން އިނާމުތައް ލިބޭނެ އެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ފްރީ މިނިޓްސް އަދި ޑޭޓާ ލިބުމުގެ އިތުރުން ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް އައިފޯން 6 އެއް ވަނީ ލިބިފަ އެވެ. ހަމައެއާއެކު ގްރޭންޑް ޓާގެޓް ހާސިލްކުރި 93000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ލަކީޑްރޯއެއް މެދުވެރިކޮށް އިއްޔެ ހޮވުނު 10 ނަސީބުވެރިންނަށް "ބިގް މިލިއަން ކޭޝް ޕްރައިޒް" ގެ ދަށުން ކޮންމެ ބޭފުޅަކަށްވެސް 100،000 ރުފިޔާ ލިބިގެންދާނެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫ އިން ބިގް މިލިއަން އޮފާ ތައާރަފްކުރީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ފަންސާސްފާހަގަކުރާ އިރު، އެކަމުގައި ބައިވެރިވެ، ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރައްޔިތުން އެ ކުންފުންޏަށް ކޮށްފައިވާ އިތުބާރުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމަށް ކަމަށެވެ.