13 Sep 2015, 14:25
މ. ކޮޅުފުށި ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެރަށު ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން ފަށައިފި އެވެ.
ކޮޅުފުށި ޒުވާނުންގެ ޖަމިއްޔާގެ މެމްބަރު އަބްދުލް އަލީމް މިއަދު "ސަން" އަށް ވިދާޅުވީ އެރަށު ޒުވާނުންގެ ޖަމިއްޔާއިން އެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރަމުން ދަނީ ބައެއް ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާ އެކު ކަމަށެވެ.
"ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ވަޅު ބުރިތަކެއް އަޅުގަނޑުމެން މިޖަހަނީ. އެއީ ހަތަރެސްކަން ވަޅު ބުރިތަކެއް އެއީ،" އަލީމް ވިދާޅުވި އެވެ.

މ.ކޮޅުފުށި ގިރަމުންދާ ސަރަހައްދު: މި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކޮޅުފުށި ޒުވާނުންގެ ޖަމިއްޔާއިން މިހާރު ވަނީ ފަށާފައި -- ފޮޓޯ/ ކޮޅުފުށި ޒުވާނުންގެ ޖަމިއްޔާ
އޭނާ ވިދާޅުވީ އެ މަސައްކަތް ކުރުމުގައި ކޮޅުފުށި ކައުންސިލުގެ ފަރާތުން ވެސް އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ހިލަޔާއި ހިލަވެލި ކައުންސިލުގެ ފަރާތުން ޖަމިއްޔާއަށް ދީފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.
ކޮޅުފުށި ގިރަމުންދާ ސަރަހައްދުގައި މިހާރު ހުރި ރުށްގަސް ނެތެމުންދާތީ އެރަށު ރައްޔިތުން އަންނަނީ އެކަމާ މެދު ކަންބޮޑުވުންފާޅު ކުރަމުން ނެވެ.
ކޮޅުފުށި ގިރަމުންދާ ސަރަހައްދު ބޮޑަށް ގިރަމުންދާން ފެށީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ނެވެ.