ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޯ އެހެން އިންސާނެއްގެ ހަށިގަނޑާ ގުޅުވުން ނުވަތަ ޓްރާންސްޕްލާންޓެއް ކުރުން 2017 ވަނަ އަހަރުގެ ޑިސެމްބަރުގައި ކުރުމަށް ނިންމައިފި އެވެ.

އިޓަލިއަން ނިއުރޯސައިންޓިސްޓެއް ކަމަށްވާ ސާޖިއޯ ކެނަވޭރޯ މިއަހަރު ފެށުނުކޮޅު ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ބޮލުގެ ޓްރާންސްޕްލާންޓެއް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރާނެ ދުވަހެއް އޭނާ ބުނެފައިވަނީ މިދިޔަ ހަފްތާގައެވެ.

ބޮލުގެ ޓްރާންސްޕްލާންޓަކީ އަދި މިހާތަނަށް ދުވަހަކުވެސް ކޮށްފައި ނުވާ ކަމަކަށް ވުމުން ހުރިހާ އެންމެންވެސް ތިބީ އަދިވެސް އެ މަސައްކަތް ކާމިޔާބުވާނެ ކަމާ މެދު ހިޔާލު ތަފާތުވެފައެވެ.

ބޮލުގެ ޓްރާންސްޕްލާންޓް ކުރާ ޕޭޝަންޓް، ރަޝިއަން ކޮމްޕިއުޓާ ސައިންޓިސްޓެއް ކަމަށްވާ ވޭލެރީ ސްޕިރިޑޮނޮވް --

ފުރަތަމަ ފަހަރަށް ބޮލުގެ ޓްރާންސްޕްލާންޓެއް ކުރުމަށް ނިިންމާފައިވަނީ 30 އަހަރުގެ ރަޝިއަން ކޮމްޕިއުޓަރ ސައިންޓިސްޓެއް ކަމަށްވާ ވޭލެރީ ސްޕިރިޑޮނޮވްގެ އެވެ. އޭނާގެ އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ ސްޕިރިޑޮނޮވް އަކީ ބޮލުގެ ޓްރާންސްޕްލާންޓެއް ފުރަތަމަ ފަހަރަށް ކޮށް ކާމިޔާބުވި ޕޭޝަންޓަށް ވާނެއެެވެ.

ސްޕިރިޑޮނޮވް އަށް ޖެހިފައިވަނީ ޖެނެޓިކް މަސްލް- ވޭސްޓިން ބައްޔެއް ކަމަށްވާ ވެޑްނިގް ހޮފްމަން ޑިސީޒް ނުވަތަ ދަ ސްޕައިނަލް މަސްކިއުލާ އެޓްރޯފީސް (އެސްއެމްއޭ) އެވެ. އެ ބަލީގެ ސަބަބުން ސިކުނޑީގެ ތިރީ ސަރަހައްދު ނުވަތަ ލޯވާ ބްރެއިން ސްޓެމް އާއި ސްޕައިނަލް ކޯޑުގައި ހުންނަ ނާވް ސެލްތައް ޑީޖެނެރޭޓްވާން ފަށާނެއެވެ. އެ ބަލީގެ ސަބަބުން އިންސާނާއަށް އަމިއްލައަށް އިށީނދެ އިނދެވުން ފަދަ މަސައްކަތްތަކެއް ނުކުރެވޭނެ އެވެ. އިންސާނާގެ ކަށިތަކާއި މަސްލްތައް މަސައްކަތް ކުރުމަށް ހުރަސްއަޅާ އެ ބައްޔަކީ އަދި މިހާތަނަށް ފަރުވާ ހޯދިފައިވާ ބައްޔެއް ނޫނެވެ.

އިންސާނެއްގެ ބޯ އެހެން އިންސާނެއްގެ ހަށިގަނޑާ ގުޅުވާއިރު އޭގައި އެ މަސައްކަތް ނާކާމިޔާބު ވެދާނެ ބޮޑެތި ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ސްޕިރިޑޮނޮވްގެ ބޯ ގުޅުވާ ހަށިގަނޑު އެ ބޯ "ރިޖެކްޓް" ކުރުމަކީ ވުން އެންމެ އެކަށީގެންވާ އެއްކަމެވެ. ހަމަ އެއާއެކު ބޮލާއި ހަށިގަނޑުގެ ސްޕައިނަލް ކޯޑާ ރަނގަޅަށް "ފިއުޒް" ނުވުން ވެސް އެކަށީގެންވާ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ.

އެ މަސައްކަތަކީ ބުރަ މަސައްކަތަކަށްވާއިރު ހަށިގަނޑުން ބޯ ވަކި ކުރުމަށްފަހު ސިކުނޑިއަށް އޮކްސިޖެން ލިބޭނެ ގޮތްތަކެއްވެސް ހޯދަން ޖެހޭނެއެވެ. ސިކުނޑިއަށް އޮކްސިޖެން އާއި ލޭ ނުލިބޭ ކަމަށްވާނަމަ ސިކުންތުކޮޅެއްގެ ތެރޭގައި ސިކުނޑި މަރުވާނެއެވެ.

މީގެ ދެ އަހަރު ފަހުން ޑިސެމްބަރު މަހުގައި ކުރާ އެ ތާރީހީ ޓްރާންސްޕްލާންޓަކީ 36 ގަޑިއިރަށް ދިގުދެމިގެންދާނެ އޮޕަރޭޝަނެކެވެ.