13 Sep 2015, 10:44
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އެވަޓަން އަތުން 3-1 ނަތީޖާއަކުން ޗެލްސީ ބަލިވިއިރު މެންޗެސްޓާ ޔުނައިޓަޑް ވާދަވެރި ލިވަޕޫލްގެ މައްޗަށް 3-1 ގެ ނަތީޖައަކުން ކުރި ހޯދައިފިއެވެ.
އެވަޓަންގެ ސްޓޭޑިއަމް ގޯޑިސަން ޕާކްގައި ކުޅުނު މެޗްގައި އެވަޓަންގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ ސްކޮޓްލޭންޑްގެ ގައުމީ ޓީމްގެ ފޯވަޑް ސްޓިވަން ނައިސްމިތީއެވެ.
ނައިސްމިތީ ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މެޗްގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗްގެ 17 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެވަޓަންގެ މިޑްފީލްޑާ ބްރެޑެން ގޮލޯވޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އޭގެ ފަސް މިނެޓް ފަހުން މެޗްގެ 22 ވަނަ މިނެޓްގައި ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ރޮސް ބާކްލީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗްގައި ޗެލްސީގެ ހަމައެކަނި ލަނޑު 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޮރޭޝިއާގެ މިޑްފީލްޑާ ނެމޭނިއާ މެޓިކްއެވެ.
އެވަޓަންގެ ތިން ވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު ލަނޑު ޖަހަން އެހީތެރިވެދީނީ ދެ ވަނަ ލަނޑު ޖަހަންވެސް އެހީތެރިވެދިން ބާކްލީއެވެ.
ސީޒަންގެ ފުރަތަމަ މެޗްގައި މެންޔޫގެ އާ ކޮންޓްރެކްޓްގައި ސޮއިކުރި ކީޕަރު ޑޭވިޑް ޑެހެއާ ފުރަތަމަ އެގާރައިގައި ކުޅެން ނެރުނު ފުރަތަމަ މެޗްގައި މެންޔޫގެ ފުރަތަމަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެއިލީ ބްލައިންޑްއެވެ.
މެންޔޫގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔަބު ކުރީ އެންޑީ ހެރެއިރާ އަގޭރޯއެވެ.
މެޗްގެ 84 ވަނަ މިނެޓްގައި ޑެހެއާގެ ގޯލް ފޫ އަޅުވާލެވުނީ ކްރިސްޓިއަން ބެންޓެކޭއަށް އެކަންޏެވެ.

ރޭ ގެ މެޗްގައި ލަނޑު ޖެހުމަށްފަހު މެންޔޫގެ އެންތޮނީ މާޝަލް އުފާ ކުރަނީ ފޮޓޯ/ ރޮއިޓަސް
މެންޔޫގެ ތިންވަނަ ލަނޑު 86 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ފްރާންސްގެ އުމުރުން 19 އަހަރުގެ ޒުވާން ފޯވަޑް އެންތޮނީ މާޝާލްއެވެ.
ރޭ އާސެނަލްވެސް ވަނީ 2-0 ގެ ނަތީޖާއަކުން ސްޓޯކް ސިޓީގެ މައްޗަށްވެސް ކުރި ހޯދާފައެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓޤގައި ކާމިޔާބު ކުރީ ތިއޯ ވޮލްކޮޓެވެ.
ދެވަނަ ލަނޑު ކާމިޔާބު ކުރީ ވޮލްކޮޓްގެ ބަދަލުގައި ކުޅެން ނިކުތް އޮލިވާ ޖިރޯޑްއެވެ.