މާތްވެގެންވާ މައްކާގައިވާ އަލް މަސްޖިދުލް ޙަރަމްގައި ޠަވާފް ކުރުމަށް ހަދާފައިވާ ވަގުތީ ފާލަމެއް ބަންދުކޮށްފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސައުދީ ގެޒެޓް ނޫހުން ބުނީ ޙަރަމްފުޅު ބޮޑުކުރުމަށް ހިންގަމުން އަންނަ މަޝްރޫއާ ގުޅިގެން ވަގުތީ ގޮތުން ހަދާފައިވާ އެ ފާލަން ބަންދުކުރީ ހުކުރު ދުވަހު ހިނގި ކްރޭން ވެއްޓުމުގެ ހާދިސާއާ ގުޅިގެން ކަމަށެވެ.

ދެޙަރަމްފުޅުގެ ކަންތައްތަކާ ބެހޭ ރިޔާސަތުގެ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ އެނޫހުން ބުނީ އެފާލަން ބަންދުކުރީ ހައްޖާޖީންގެ ރައްކާތެރި ކަމަށް ޓަކައި ކަމަށެވެ.

ދެފަންގިފިލާ ހިމެނޭ ގޮތަށް 12 މީޓަރުގެ ފުޅާ މިނުގައި 34 މީޓަރު އުސްކޮށް ހަދާފައިވާ އެ ފާލަމަކީ ޠަވާފްކުރާ ސަރަހައްދު ( މަޠާއިފް ) އަލުން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާތީ ވަގުތީ ގޮތުން ބޭނުންކުރުމަށް ހަދާފައިވާ ފާލަމެކެވެ. މަޠާއިފް އަލުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެތަނުގައި ޠާވާފްކުރެވޭ މީހުންގެ އަދަދު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ. ބަންދު ކުރި ފާލަމަކީ އެއްފަހަރާ 35000 މީހުންނަށް ޠަވާފް ކުރެވޭ ފާލަމެކެވެ.

ހުކުރު ދުވަހު މަސްޖިދުލް ޙަރަމްގެ ތެރެއަށް ކްރޭނެއް ވެއްޓުނު ހާދިސާގައި މަރުވިމީހުންގެ އަދަދު 107 އަށް އަރާފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.