13 Sep 2015, 10:53
އުމުރުން ފަސް އަހަރަށްވުރެ ދަށުގެ ކުދިން މަރުވާ އަދަދު ވޭތުވެދިޔަ 25 އަހަރާއި އަޅައިބަލާއިރު މިއަހަރު ދަށްވެފައިވާ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން ( ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޅައުމުރުގައި ކުދިން މަރުވާ އަދަދު 1990 ގެ އަހަރުތަކުގައި އަހަރެއްގެ މައްޗަށް 12.7 މިލިއަނުގައި އުޅޭއިރު މިއަހަރު އެއަދަދު ވަނީ 5.9 މިލިއަނަށް ދަށަށް ޖެހިލާފަ އެވެ.
ޑަބްލިއުއެޗްއޯ އާއި ޔުނިސެފް އަދި ވޯލްޑް ބޭންކްގެ އިތުރުން ޔޫއެންގުޅިގެން ހެދި އެ ދިރާސާ ރިޕޯޓުގައި ބުނެފައި ވަނީ ޅައުމުރުގައި ކުދިން މަރުވާ އަދަދު ހަ މިލިއަނަށްވުރެ ދަށަށް ގޮސްފައި އެވަނީ ފުރަތަމަ ފަހަރަށް ކަމަށެވެ.
ޅައުމުރުގައި ކުދިން މަދުވާ އަދަދު މަދުކުރުމަށް އެއްބަސްވެފައިވާ ގައުމުތަކުގެ ތެރެއިން 1990 އާއި 2015 އާއި ދެމެދު އެކަން ހާސިލު ކުރެވިފައި ވަނީ ތިންބައިކުޅަ ދެބައި ގައުމަށް ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ދުނިޔޭގައި ދުވާލެއްގެ މައްޗަށް 16000 ކުޑަކުދިން މަރުވޭ

ޅައުމުރުގައި ކުދިން މަރުވާ އަދަދު ހަ މިލިއަނަށްވުރެ ދަށްވެފައިވީ ނަމަވެސް އަދިވެސް ދުވާލެއްގެ މައްޗަށް 16000 ކުދިން މަރުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކުދިން މަރުވަނީ ފަރުވާ ދެވޭ ފަދަ ބަލިތަކަށް ފަރުވާދެވެން ނެތިގެން ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ ގީތާ ރާއޯ ގުޕްތާ ވިދާޅުވީ 2000 ވަނަ އަހަރުން ފެށިގެން ވަރަށް ގިނަ ގައުމުތަކުން ޅައުމުރުގައި ކުދިން މަރުވާ އަދަދު ދަށްކުރުމަށް މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފައިވާ ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށެވެ.
" އެހެންނަމަވެސް އަދިވެސް ދުވާލެއްގެ މައްޗަށް ކުދި ބަލިތައްޖެހިގެން ފަސްއަހަރުން ދަށުގެ ކުދިން މަރުވާ އަދަދު ގިނަ. ހާއްސަކޮށް އުފަންވާތާ އެއްމަސްތެރޭގައި ކުދިން މަރުވާ އަދަދު އިތުރު. އެހެންވީމަ އެކަން ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ،" ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ ގީތާ ރާއޯ ގުޕްތާ ވިދާޅުވި އެވެ.
ވިހެއުމުގެ ތެރޭގައި 45 ޕަސެންޓް ކުދިން މަރުވޭ

ޅައުމުރުގައި ކުދިން މަރުވާ އަދަދު މަދުކުރުމަށް ވަކި ހާއްސަ ގައުމުތަކަކަށް ނުވަތަ ސަރަހައްދު ތަކަކަށް އިސްކަންދޭން ޖެހޭކަމަށް ރިޕޯޓުގައި ވަނީ ފާހަަގަކޮށްފަ އެވެ. އޭގެތެރޭގައި ސަބް-ސަހާރަން އެފްރިކާ އަދި ސަދަން އޭޝިއާގައި އަލަށް ވިހާކުދިންނަށް ހާއްސަ ފަރުވާ ދިނުމަށް އިސްކަންދޭން ޖެހޭކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ވިހެއުމުގެ ތެރޭގައި 50 ޕަސެންޓް ކުދިން ސަބް ސަހާރަން އެފްރިކާގައި މަރުވާއިރު ސަދަން އޭޝިއާގައި 30 ޕަސެންޓް ކުދިން ވިހެއުމުގެ ތެރޭގައި މަރުވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ވެހެއުމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެއް މިލިއަން ކުދިން މަރުވާއިރު ވިހާތާ ފުރަތަމަ ހަފްތާގެ ތެރޭގައި ދެ މިލިއަން ކުދިން މަރުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފްލެވިއާ ބަސްޓްރިއޯ ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުދިން މަރުވާ އަދަދު ދަށް ކުރުމަށް ސްކިން ޓު ސްކިން ކެއާ އާއި ގާތުން ދިނުމުގެ އިތުރުން އަޅާލުން ދޭންޖެހޭ ކަމަށެވެ.
ޅައުމުރުގައި ކުދިން މަރުވާ އަދަދު މަދުކުރުމަށް މިލޭނިއަމް ޑިވެލޮޕްމެޓް ގޯލް، 62 ގައުމެއް ވަނީ ހާސިލްކޮށްފަ އެވެ.