ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 6-0 ލަނޑުން ރެއާލް މޮޅުވި މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށް، ލީގުގައި ރެއާލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އެޓީމުގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފި އެވެ.

ރޭ ކާމިޔާބުކުރި ފަސް ލަނޑާއެކު ސްޕެނިޝް ލީގުގައި ރޮނާލްޑޯ މިހާތަނަށް 230 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭގެ ކުރިން އެ ރެކޯޑް އޮތީ 228 ލަނޑާއެކު ރެއާލްގެ ކުރީގެ ތަރި ރައުލް އަތުގައެވެ. ރޮނާލްޑޯގެ މި ރެކޯޑާއެކު އޭނާ ވަނީ، ލަލީގާގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ހަތަރުވަނަ ކުޅުންތެރިޔާއަށް ވެފައެވެ.

ލަ ލީގާގައި އެންމެ ގިނައި ލަނޑުޖެހި ކުޅުންތެރީން:

  1. ލިއޮނަލް މެސީ، (ބާސެލޯނާ)، 287 ލަނޑު.
  2. ޓެލްމޯ ޒަރާ، އެތުލެޓިކް ބިލްބާއޯ، 251 ލަނޑު.
  3. ހޫގޯ ސަންޗޭޒް، (އެތުލެޓިކޯ މެޑްރިޑް، ރެއާލް މެޑްރިޑް، ރަޔޯ ވަޔެކާނޯ)، 234 ލަނޑު.
  4. ކްރިސްޓިއާނޯ ރޮނާލްޑޯ، (ރެއާލް މެޑްރިޑް)، 230 ލަނޑު.
  5. ރައުލް، (ރެއާލް މެޑްރިޑް)، 228 ލަނޑު.

އެސްޕަންޔޯލްއާ ދެކޮޅަށް ނުކުތްއިރުވެސް މި ސީޒަންގައި ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާ 30 އަހަރުގެ ފޯވާޑް ވަނީ އެ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރީން ރެއާލަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ފަސް ލަނޑުގެ ތެރޭން ދެލަނޑު ކާމިޔާބުކުރީ ފަހުހާފުގައެވެ.

ރޮނާލްޑޯ މި ރެކޯޑް މުގުރާލާފައި މިވަނީ، 80 މިލިއަން ޕައުންޑުގެ ފީއަކަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ބަދަލުވިފަހުން އޭނާ ކުޅުނު 204 ލީގު މެޗުންނެވެ.

އެސްޕަންޔޯލް އަތުން ލިބުނު މޮޅާއެކު ރެއާލަށް ވަނީ ތިން މެޗުން ޖުމުލަ 7 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައެވެ. 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ.