13 Sep 2015, 09:38
ހުކުރު ދުވަހު ހަވީރު މައްކާއަށް މޫސުމް ގޯސްވެ ހަރަމްފުޅު ތެރެއަށް ބިޔަ ކްރޭނެއް ވެއްޓި ހިނގި ހާދިސާގައި ޒަހަމްވި ފަރާތްތަކާ ސައުދީ ރަސްގެފާނު ސަލްމާން ބައްދަލުކުރައްވައިފި އެެވެ.
ކްރޭން ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 107 ހައްޖާޖީއަކު މަރުވެ 283 މީހަކު ވަނީ ޒަހަމްވެފަ އެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް ސައުދީއިން ބުނެ އެވެ.
ސައުދީ ރަސްގެފާނު ހޮސްޕިޓަލަށް ވަޑައިގެން އެ ހާދިސާގައި ޒަހަމްވި މީހުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ކްރޭން ވެއްޓުނު ސަރަހައްދަށް ވަޑައިގެން ތަނަށް ލިބިފައިވާ ގެއްލުން ރަސްގެފާނު ބައްލަވާލެއްވި އެވެ.
ސައުދީ ސަރުކާރުން މިހާތަނަށް ބެލި ބެލުމުން ކްރޭން ވެއްޓިފައި ވަނީ މޫސުން ގޯސްވެ އައި ގަދަވަޔާ އެކު ކަމަށް ސައުދީގެ ސިވިލް ޑިފެންސް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ސުލައިމާން އަލް އަމްރު ވަނީ ވިދާޅުވެފަ އެވެ.

ސައުދީ ރަސްގެފާނު ކްރޭން ވެއްޓުނު ސަރަހައްދު ބައްލަވައިލައްވަނީ -- ފޮޓޯ -- ސައުދީ ގެޒެޓް
ނަމަވެސް އެ ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މައްކާގެ ގަވަރުނަރު ހާލިދް އަލް ފައިސަލް ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.
ކްރޭން ވެއްޓި އެތަކެއް ހައްޖާޖީންނެއް މަރުވި ހިތާމަވެރި ހާދިސާ ހިނގާފައި މި ވަނީ، ހަރަމްފުޅު ބޮޑުކުރުމަށް މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު ނިމުމާ ގާތްވެފައި ވަނިކޮށެވެ. އެ މަޝްރޫއު ނިމޭއިރު 400،000 އަކަ މީޓަރުގެ ޖާގައެއް ހަރަމްފުޅަށް އިތުރުވެގެންދާނެ އެވެ. އެގޮތުން އެ މަސައްކަތް ނިމުމުން ހަރަމްފުޅަށް ގާތްގަނޑަކަށް 2.2 މިލިއަން މީހުންނަށް އެއް ފަހަރާ ޖަމާވެވޭނެ އެވެ.
ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއާ ހަވާލުވެފައިވާ ސައުދީ، ބިންލާދިން ގްރޫޕުން ބުނެފައި ވަނީ، އެ ހާދިސާ ހިނގާފައި ވަނީ، ހަރަމްފުޅުގައި އެ ގްރޫޕުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ނިންމާލާފައި ވަނިކޮށް ކަމަށެވެ. އެގޮތުން އެންމެ ފަހުން އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.