13 Sep 2015, 09:42
ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޚާއްސަ އެހީތެރިކަމާ އަޅާލުން ދިނުމަށް ނ. ވެލިދޫ ކޯޓުން އަމުރު ކޮށްފި އެވެ.
ވެލިދޫ ކޯޓުން މި މަހުގެ 10 ވަނަ ދުވަހު އެގޮތަށް ހުކުމް އިއްވާފައި ވަނީ އެ ކުއްޖާގެ ބައްޕަ ނ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ.
އެ ހުކުމްގައި ވަނީ އެ ކުއްޖާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ދޭން ޖެހޭ ކަމަށް ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ވެސް ގަބޫލުކުރާ ކަމަށް އެ ސެންޓަރުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ދައުވާއަށް އެ ސެންޓަރުން އިންކާރުކޮށްފައިނުވާ ކަމަށް ވެސް ވެލިދޫ ކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްމަސް ދުވަހުގެ ތެރޭގައި އެކުއްޖާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި އަޅާލުމާއި ކައުންސިލިން ދިނުމުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތުގެ މަތިން ގެންދިޔުމަށް ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.