13 Sep 2015, 09:49
ވިއެނާ (ސެޕްޓެމްބަރ 13) : ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިގެން ޔޫރަޕަށް ހިޖްރަކުރަމުންދާ ސޫރިޔާއާއި އެހެން ގައުމުތަކުގެ ރެފިއުޖީންނާމެދު ހަންގެރީން މުއާމަލާތް ކުރަމުން ގެންދަނީ ހިޓްލަރުގެ ދުވަސްވަރު ނާޒީ ޖަރުމަނުން އިންސާނުންނާ މެދު މުއާމަލާތް ކުރި ފަދަ ހަރުކަށި އަދި ލާއިންސާނީ ގޮތްތަކަށް ކަމަށް އޮސްޓްރިޔާ އިން ސިފަކޮށްފި އެވެ.
ރެފިއުޖީންނާ މުޢާމަލާތް ކުރުމުގައި އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ހަންގެރީން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ކުށްވެރި ކުރައްވަމުން އޮސްޓްރިޔާގެ ޗާންސެލާ ވައުނާ ވައިމަން ވިދާޅުވީ އިންސާނުންނާ މުއާމަލާތް ކުރުމުގައި ނާޒީ ޖަރުމަނު ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުން ކުރިން ގެންގުޅުނު އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހަންގެރީން ތަކުރާރު ކުރަން ފެށުމަކީ އަދުގެ ޔޫރަޕަށް ލަދުހުތުރު ކަމެއްކަމުގަ އެވެ.
މިދުވަސްވަރު ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންގެ ތެރެއިން ބޮޑުބަޔަކީ ސޫރިޔާގެ ރެފިއުިޖީންނެވެ. ކަނޑުހުރަސްކޮށް ރެފިއުޖީން ޔޫރަޕަށް ކުރާ ދަތުރުތަކުގައި އެތައް ހާސް ބަޔަކު ކަނޑަށް ގަރަގުވެ މަރުވެފައިވާ އިރު ސަލާމަތުން ޔޫރަޕްގެ ބައްރަށް ދެވޭ މީހުންނާ ހަވާލުވާނެ ގައުމުތަކެއް ވަންދެން އެމީހުން ވަގުތީ ގޮތުން މަޑުކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައި ގްރީސް އާއި ހަންގެރީ ހިމެނެ އެވެ. މީގެ ތެރެއިން ހަންގެރީންވަނީ ރެފިއުޖީން ކެއިން ބުއިމުން މަހްރޫމް ކުރުމާއި އެމީހުންނަށް އަނިޔާ ކުރުމާއި އެމީހުން ހައްޔަރު ކުރުމާ އަދި އެމީހުންގެ ކުރިމަތީގައި ސަރަހައްދީ ރޮނގު ކަށިނަރުން ބަންދުކުރުންފަދަ އަނިޔާވެރި އަމަލުތައް ހިންގާފަ އެވެ.
އަދި އޮސްޓްރިޔާ ފަދަ ރެފިއުޖީންނަށް މަރްޙަބާ ކިޔާ ގައުމުތަކަށް ގެންދާކަމަށްބުނެ ހަންގެރީން ވަނީ ރެފިއުޖީން ރޭލްތަކުގައި ގެންގޮސް އޮސްޓްރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ހަންގެރީގެ ކޭމްޕްތަކުގައި ބަންދުކުރުން ފަދަ ހަރުކަށި އަމަލުތައް ހިންގާފައި ކަމަށާ މިއީ ލަދުވެތި އަމަލުތަކެއް ކަމަށް އޮސްޓްރިޔާގެ ޗާންސެލަރ ވައުނާ ވައިމަން ސިފަކުރެއްވި އެވެ.
މީގެ އިތުރުން ހަންގެރީގެ އަންހެން ނޫސްވެރިއަކުވެސްވަނީ ކޮޅުފައިން ޖަހައި އިރާގުގެ ރެފިއުޖީއަކާއި އޭނާގެ ދަރިފުޅު ބިންމައްޗަށް ވައްޓާލާފަ އެވެ. ރެފިއުޖީންނާ މުއާމަލާތް ކުރުމުގައި ހުޅަނގު ޔޫރަޕްގެ ގައުމުތައް ހަމްދަރްދީގެ ގޮތުން ބަލައި އެމީހުންނަށް މަރްހަބާ ކިޔަމުންދާއިރު އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ރެފިއުޖީންގެ ކުރިމަތީގައި އެގައުތަކުގެ ސަރަހައްދީ ރޮނގުތައް ބަންދުކޮށް އެމީހުންނަކީ ކުށްވެރިން ކަމުގައި ހަދައި ހައްޔަރުކޮށް އަދި ރެފިއުޖީންނަށް އެހީތެރިނުވާނެ ކަމާއި އެމީހުން ބަލައިނުގަންނާނެކަންވެސް ފާޅުގައި ހާމަކުރަމުންނެވެ.
މިގޮތުން ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީން ބަލައި ގަތުމަށާއި އެމީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައި އެތައް ހާސްބަޔަކު އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތާ އަދި ސްޕޭންގައި އިއްޔެ މުޒާހަރާކޮށްފައިވާއިރު އިރުމަތީ ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޕޮލެންޑާއި ޗެކް ރިޕަބްލިކް އާއި ހަންގެރީގައިވަނީ ރެފިއުޖީން ބަލައިގަތުމާ ދެކޮޅަށް އެތަށް ހާސްބަޔަކު މުޒާހަރާކޮށްފަ އެވެ. އަދި އިރުމަތީ ޔޫރަޕްގެ ސަރުކާރުތަކުންވެސް ވަނީ ޔޫރަޕަށް ވަންނަމުންދާ ރެފިއުޖީންގެ އަދަދު މާގިނަ ކަމަށާ އަދި ރެފިއުޖީންނަށް ހިޔާވަހި ކަމާއި ހިމާޔަތް ނުދެވޭނެ ކަމަށް ފާޅުގައި ބުނެފަ އެވެ.
މީގެއިތުރުން ޔޫރަޕަށް ވަންނަމުންދާ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި އިންސާފުވެރިގޮތެއްގައި ރެފިއުޖީން ޔޫރަޕްގެ ހުރިހާ ގައުމުތަކަށް ބަހާލުމަށް ގޮވާލައި ޔޫރަޕްގެ ޕާލަމެންޓުން މިދިޔަ ހަފްތާގައި ފާސްކުރި ގަރާރު ގަބޫލު ނުކުރާނެކަން ވެސް އިރުމަތީ ޔުރަޕްގެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ހާމަކޮށްފަ އެވެ. ރެފިއުޖީން ބަލައިގަނެ އެމީހުންނަށް އެންމެ ބޮޑަށް މަރްހަބާ ކިޔަމުން ގެންދަނީ ޔޫރަޕްގެ ގައުމަކީ ޖަރުމަނެވެ. (ނޫސްއެޖެންސީތައް)