އައްޑޫ ސިޓީ، ހިތަދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ އެވެ.

މިރޭ 11:00 އެހާކަންހާއިރު ހިތަދޫ ސަރަހައްދީ އިންޖީނުގޭ ކައިރީގައި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ހިތަދޫ ވިޖްނީގޭ، އިބްރާހިމް ކަލޯ، 59، އެވެ.

އެ މީހާ މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި އިތުރު މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އޭނައަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލެއް ހަލާކުވެފައި-- ފޮޓޯ/ ސޯޝަލް މީޑިއާ

އޭނާ ވިދާޅުވީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ދެ ސައިކަލް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ޒުވާނެއްގެ އަތް ވަނީ ބިދިފަ އެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ނެތް ކަމަށްވެ އެވެ.