ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން ދެން ޖެހެނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކެންޕޭން ލީޑަރުން ތަމްރީނުކޮށްދިނުމަށް ބޭއްވި މަހާސިންތާގެ ދެ ވަނަ ބުރު ނިންމުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ދެން ރައީސް ނަޝީދު ޖެހޭނީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ކަމަށެވެ.

އެޕީލް ނުކުރެވޭނެ ކަމަށް ވެގެން ހައިކޯޓުން އެ އޮތީ މައްސަލަ ދޫކޮށްލައްވާފައި. ދެން އެމަނިކުފާނު ހިންގަވަންވީ މަގަކީ އަނެއްކާވެސް ސުޕްރީމް ކޯޓަށް ވަޑައިގަތުންރައީސް ޔާމީން

ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުން ރާއްޖެ ވަޑައިގެން ވިދާޅު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދަތިކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަމޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން ރާއްޖޭގެ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން މަސައްކަތް ކުރެއްވިޔަސް އެމަނިކުފާނު އުސޫލުން ބޭރުން ކަމެއް ނުކުރާނެ ކަމަށެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީގެ ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު އެ ކުރަނީ ރައީސް ނަޝީދު ސަލާމަތް ކުރުމަށް ކަމަށާއި އެއީ ކުރަންޖެހޭ ކަމެއްކާމާ މެދު ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ޖަލަށްލާފައި އެ ވަނީ ގާނޫނީ އަދި ޝަރުއީ އުސޫލުގެ ތެރެއިން ކަމަށާއި އެކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"....ޝައްކެއްވެސް ނެތް އެއީ ކުރަންޖެހޭ ކަމެއް. ކުރަންޖެހޭ ކަމެއް. އެކަމަކު އެކަން ހިނގާފަ އެއޮތީ ގާނޫނީ ޝަރުއީ އުސޫލުގެ ތެރެއިން. އޭގަ ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭނެ ކަމެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރެވޭނެ ގޮތެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަން ކޮށްދެވޭތޯ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި އެމަސައްކަތް އެމަނިކުނާފު ކުރެއްވީ އިސްތިއުނާފު ކުރެވޭނެ ގޮތް ނެތް މީހަކަށް އެކަން ކޮށްދިނުމަކީ ރައީސަށް ލާޒިމްކަމެއް ކަމުގައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.