ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ "ނުޖެއްސޭނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަން އޮތް ރިޔާސީ އިންތިހާބަށް ރައީސް ޔާމީންނަށް ކެމްޕެއިން ކޮށްދޭނެ ލީޑަރުން ތައްޔާރު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ދެ ވަނަ މަހާސިންތާ ނިމުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ރައީސް ޔާމީންއަކީ ރައީސް މައުމޫންގެ "ޕްރޮޓިޖީ"އެއް ކަމަށެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތައް ތިބީ އެކިއެކި ފަރާތްތަކަށް ބެހިފައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އަދީބު މިރޭ ވަނީ ދޮގު ކުރައްވާފަ އެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި މެޑަމް ފާތުމަތު އިބްރާހިމަކީ އެއް ޓީމެއް ކަމަށް އަދީބު މިރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަޅުގަނޑުމެންގެ ޓީމުތަކަކީ ވަކިކުރެވޭނެ ޓީމުތަކެއް ނޫން ކަމަށެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީނާ ވާދަ ކުރައްވާނެ ކެންޑިޑޭޓެއް މިހާރަކު ނެތް ކަމަށާއި އަދި އަންނަން އޮތް ދައުރުގައި ވެސް ޔާމީނާ ވާދަކުރައްވާނެ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށެވެ.

އަދީބު ވިދާޅުވީ އޭނާއަކީ ރައީސް ޔާމީންގެ "ޕްރޮޓެޖީ"އެއް ކަމަށާއި ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގައި ސިޔާސީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އެމަނިކުފާނު ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މަހާސިންތާގެ ބައިވެރިން ރަށްތަކަށް ވަޑައިގެން ހޮޅުއަށިތަކުގައި ޕީޕީއެމަކީ "ބަދަހި ޕާޓީއެކޭ" ރައްޔިތުންނަށް ކިޔައިދިނުމަށް އެދޭ ކަމަށެވެ.